މަރު

ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓް ކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 1:00 ޖެހިއިރު ކަމަށެވެ. އަދި އެ ރަށުގައި މަރުވީ ދެކުނު ކޮރެއާގެ އުމުރުން 35 އަހަރުގެ ފަތުރުވެރިއެއް ކަމަށެވެ.

އަޑުފެތުރިފައިވާ ގޮތުގައި އެ މީހާ މަރުވީ މޫދަށް ގެނބިގެން ނެެވެ. އެކަމަކު ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތާމަވެރި ގިނަ ހާދިސަތައް ދަނީ ހިނގަމުންނެވެ. އެގޮތުން ލޯންޗެއް ބަންޑުން ޖަހައި މީހަކު މަރުވެފައިވާއިރު ކުޑަ ކުއްޖަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. އަދި މާލޭގެ ކަނޑުތޮށީގައި މަސް ބާނަން ހުރި މީހަކު އެ ދިމާއިން މޫދަށް ވެއްޓި މިއަދު ވަނީ މަރުވެފަ އެވެ.