މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އޮފިސަރެއް އަވަހާރަވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރަކު އަވަހާރަވެއްޖެ އެވެ. މިރޭ އަވަހާރަވެފައިވަނީ ޗީފް އިންސްޕެކްޓަރު އިސްމާއީލް ނަދީމް (37އ) އެވެ.

ޗީފް އިންސްޕެކްޓަރު ނަދީމަކީ މެދު އަތޮޅުތަކަށް ފުލުހުންގެ ފަރާތުން ކަނޑައަޅުއްވާފައިވާ ކޮމާންޑަރެވެ.

ބ. ހިތާދޫއަށް ނިސްބަތްވާ ނަދީމު އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. ހާޓް އެޓޭކް ޖެހުނީ ބ. އޭދަފުށީގައި ކުރިއަށްދިޔަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި މިރޭ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަދީމު އަވަހާރަވުމާއި ގުޅިގެން ފުލުހުންގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއަިލް ނަދީމް މެދުނުކެނޑި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހިދުމަތް ކުރައްވާފައިވެއެވެ. ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް އާއި ފުލުހުންގެ މެޑަލް އާއި އަހުލާގީ ކުލަ އާއި ފުލުހުންގެ ހިދުމަތުގެ ކުލަ އާއި އިހުލާސްތެރި ހިދުމަތުގެ ކުލަ އާއި އަހުލާގީ ކުލަ 2 އާއި މިނިވަން ފަންސާހުގެ މެޑަލްގެ އިތުރުން ދިގުމުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ.

ނަދީމް އަވަހާރަވީ އިރު އޭނާގެ ތިން ކުދީން ދުނިޔޭގައި އެބަތިއްބެވިއެވެ.