މޯލްޑިވްސް ޕޮލިސް ސާވިސް

ހާޝިމްގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް

Jan 4, 2022

މިދިޔަ އާދިއްތަ ދުވަހު މާފަންނު ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވެފައި އޮއްވައި ފެނުނީ ހއ. ހޯރަފުށި ޑީންސްވިލާ އުމުރުން 44 އަހަރުގެ ހާޝިމް މުހައްމަދު އެވެ.

ހާޝިމް މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ބިދޭސީ މުވައްޒިފުންނާއެކު ދިރިއުޅެމުންދާ ގޭގެ ސިޑިކައިރިންނެވެ. ހާޝިމްގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެދާނެ ކަމަށް އާއިލާއިން ފުރަތަމަ ދެކުނެވެ. އެހެން ކަމުން ހާޝިމްގެ ޖަނާޒާ ފަސްކޮށް ފިނިކޮށާރުގައި ބާއްވާ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ.

ސީސީޓީވީ ފްޓޭޖާ އެ ނޫން މައުލޫމާތުތައް އެއްކޮށް ހިންގި ތަހުގީގަށް ފަހު ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން މީހެއްގެ ޖިނާއީ އަމަލެއް އަދި އިހުމާލެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށްވެސް ބުންޏެވެ.

އާއިލާއިންވެސް މިހާރު ވަނީ ހާޝިމްގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. އެކަން އާއިލާއިން ހާމަކުރީ ފުލުހުންގެ ތަހުގީގަށް ފަހު އާއިލާއާ ހިއްސާކުރި މައުލޫމާތުތަކަށް ފަހު އެވެ.