ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މާދަމާ އާ ރަންވޭ ބޭނުން ކުރަން ފަށަނީ

ހަދާ ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، މާދަމާ އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ބޭނުން ކުރަން ފަށަން ނިންމައިފި އެވެ.

ވީއައިއޭ ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ރަންވޭ ބޭނުން 1، ފެބްރުއަރީ 2021، މާދަމާ އިން ފެށިގެން އާ ރަންވޭ ބޭނުން ކުރަން ފަށާނީ ޓެކްސީ ވޭއެއްގެ ގޮތުގައި މިހާރުގެ ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އަނބުރާލާފައި ޕާކު ކުރަން ދާން ބޭނުން ކުރާ މަގެއްގެ ގޮތުގައި ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މި ބަދަލާއެކު ވީއައިއޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މި ބަދަލު [އާ ރަންވޭ ޓެކްސީ ވޭއަކަށް ބޭނުން ކުރަން ފެށުމުން] މިހާރު ގަޑިއަކު އަށް ބޯޓު ޖެއްސޭ ގޮތަށް އޮތް އޮތުން 16 އަށް ބަދަލުވާނެ. މިއީ ލިބިގެން ދާނެ ކުރިއެރުމެއް،" އޮފިޝަލް ވިދާޅުވި އެވެ. "މީގެ ސަބަބުން ހޯލްޑްކުރަން ޖެހޭ [ބޯޓު ނުޖެއްސި ލަސްވާ ވަގުތު] މަދުވެގެން ދާނެ."

މި ބަދަލުން މިހާރު ގަޑިއަކު އަށް ބޯޓު ޖެއްސޭ ގޮތަށް އޮތް އޮތުން 16 އަށް ބަދަލުވާނެ. މިއީ ލިބިގެން ދާނެ ކުރިއެރުމެއް
އެމްއޭސީއެލް އޮފިޝަލް

ސަރުކާރުން ކުރިން ވަނީ އާ ރަންވޭ ނުހުޅުވި ލަސްވަނީ ލަސްވީ އެ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ނުނެގިގެން ކަމަށް ބުނެފަ އެވެ. އެހެންވެ މި ރަންވޭ ބޭނުން ކުރަން ފެށިނަމަވެސް
ބޯޓު ޖައްސަން ނުފަށާނެ އެވެ.

އާ ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަނަށް ބޯޓު ޖައްސަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެތާނގެ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

ވީއައިއޭ އެންމެ ބޮޑު މަޝްރޫއު

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ ހަދާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު -- 5.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް އަޅާފައިވެ އެވެ. މި އަގުބޮޑު އިމާރާތް ނިންމިތާ ދެ އަހަރުވާން ކައިރިވާއިރު ވެސް އެތަން ހުޅުވިފައެއް ނުވެ އެވެ. އާ ސީ ޕްލޭން ޓާމިނަލް މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު -- 616 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ ވީއައިއޭގެ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ބީޔޫސީޖީ އިންނެވެ.