ތޮއްޑޫ

ޓޫރިޒަމަށް ބައިގަރުނު، ތޮއްޑޫއަށް 50 ގެސްޓްހައުސް

ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ އެއް ރަށް ކަމަށްވާ އއ. ތޮއްޑޫގައި 50 އަށް ވުރެ ގިނަ ގެސްޓްހައުސް ހުޅުވުން ފާހަގަކޮށްފި އެވެ.

ޓޫރިޒަމަށް ބައި ގަރުނު -- 50 އަހަރު ފުރުން ފާހަގަކުރަން ރޭ ތޮއްޑޫގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ސަރުކާރުގެ ބައެއް ވެރިންނާއި ގެސްޓްހައުސް ވިޔަފާރިއަށް ބޮޑު އެހީތެރިކަމެއްދޭ އެސްއެމްއީ ބޭންކުގެ އިސްވެރިން ވެސް މިރަސްމިއްޔާތުގައި ބައިވެރިވެފައިވެ އެވެ.

އަވަސް އަށް ވާހަކަ ދެއްކަވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރާ އަހަރު ގެސްޓްހައުސްގެ އަދަދު 50 އަށް ވުރެ އިތުރުވުމަކީ އުފާވެރި އިއްތިފާގެއް ކަމަށެވެ.

"މިހާރު އެކްޓިވްކޮށް އެބަހުރި 50 ގެސްޓްހައުސް. އެއީ އެނދުގެ ގޮތުން ބަލާނަމަ 650 އެނދު،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރަށުގެ ތަރައްގީ މިހާރު ހުރީ ސަރުކާރުން އަންދާކުރާ ވަރަށްވުރެ ވެސް ހަލުވިކޮށް ކަމަށެވެ.

"މިހާރު މި ރަށަކީ އާއްމު ރާއްޖޭގެ ރަށަކަށްވުރެ ގްރޯތު ފާސްޓް ރަށެއް. ރަށުގެ އާބާދީ އަށް ބެލިއަސް އެކަން ފެނޭ. މިސާލަކަށް މިހާރު އެބައުޅޭ 2،130 މީހުން. އެހެންވެ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ސަރުކާރުން ވެސް މިކަމަށް ބަލަން ޖެހޭ،" ކަރަމް ވިދާޅުވި އެވެ.

"އާއްމު އެހެން ރަށްތަކަށް ވުރެ މި ރަށުގެ ގްރޯތު ހަލުވިކަން ފެނޭ."

އޭނާ ވިދާޅުވީ މިހާރުގެ ގްރޯތަށް ބަލާއިރު މި އަހަރުގެ އާ އަހަރު 1،000 ޓޫރިސްޓުންނާއެކު ފާހަގަ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ޔޫކްރޭން- ރަޝިއާ ހަނގުރާމައިގެ ސަބަބުން ބޮޑު އަސަރެއް އެ ރަށަށް ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު މި ރަށަކީ އާއްމު ރާއްޖޭގެ ރަށަކަށްވުރެ ގްރޯތު ފާސްޓް ރަށެއް. ރަށުގެ އާބާދީ އަށް ބެލިއަސް އެކަން ފެނޭ. އެހެންވެ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ސަރުކާރުން ވެސް މިކަމަށް ބަލަން ޖެހޭ
އަހުމަދު ކަރަމް | ތޮއްޑޫ ކައުންސިލްގެ ރައީސް

ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ސިސްޓަމެޓިކްކޮށް ޓޫރިޒަމް ތަރައްގީކުރަން ޕްލޭން ހަދާފައިވާ އެއް ރަށެވެ. އެ ރަށް ބްރޭންޑުކޮށް ދުނިޔޭގައި އިސްތިހާރު ކުރަން ފަށަން ތައްޔާރުވާއިރު، ޓްރީޓޮޕް ރެސްޓޯރެންޓަކާއި މިއުޒިއަމެއް ހިމެނޭ ތޮއްޑޫ އިންޓަގްރޭޓެޑް ނޭޗާ ޕާކް ފަރުމާކޮށް ބީއޯކިޔު ހަދައިދޭނެ ބަޔަކު ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.