ގާފަރު

ގާފަރުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މާލެ ގެނެސްފި

ކ. ގާފަރު ގެސްޓްހައުސްއެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ގާފަރު އޯލްޓޯން ގެސްޓްހައުސް ތެރޭގައި މަރުވެފައި އޮއްވާ ރޭ އިރުއޮއްސުނު ވަގުތު ފެނުނީ އުމުރުން 28 އަހަރުގެ ނާޖިލާ ލުތުފީ ކިޔާ މީހެކެވެ.

ގާފަރުގެ ކައުންސިލަރަކު ވިދާޅުވީ އެ އަންހެން މީހާގެ ހަށިގަނޑު މާލެ ގެންދިޔައީ ރޭ ފަތިހު 4:30 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އަންހެން މީހާގެ ހަށިގަނޑު މާލެ ގެންދިޔަ ނަމަވެސް މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މާލެ އިން ދިޔަ ފުލުހުންގެ ޓީމެއް އަދިވެސް ގެސްޓްހައުސްގައި ހަރަކާތްތެރިވާ ކަމަށެވެ.

ނާޖިލާގެ މަރާ ގުޅޭގޮތުން ސުވާލުކުރުމުން ކައުންސިލަރު ވިދާޅުވީ އޭނާ މަރުވި ވަކި ސަބަބެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު އެންމެ ރަނގަޅަށް ސާފުވާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ. ނަމަވެސް އަންހެން މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަން ޔަގީންކޮށްދެއްވި އެެވެ.

ކައުންސިލަރު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ އެ ރަށަށް ދިޔައީ އެކަނި ކަމަށެވެ. އަދި ގެސްޓްހައުސްގައި އޭނާ އުޅުނީ ވެސް އެކަނި ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު މިރަށު މީހަކަށް އެކަމުގައި ތުހުމަތެއް ކުރެވުނު ކަމެއް އަދި އެނގިފައެއް ނުވޭ،" ކައުންސިލަރު ވިދާޅުވި އެވެ.

ނާޖިލާގެ މަންމަ އއ. ބޮޑުފުޅަދޫ އަށް ނިސްބަތްވާއިރު އޭނާގެ ބައްޕަ ނިސްބަތްވަނީ މާލެ އަށް ކަމަށް އެނގިފައިވެ އެވެ.