ކ. ގާފަރު ގެސްޓްހައުސްއެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާ ލުތުފީގެ ޖަނާޒާ މިރޭގެ ފަތިސްނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.
ގާފަރު އޯލްޓޯން ގެސްޓްހައުސްގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވާ ރޭ އިރުއޮއްސުނު ވަގުތު ނާޒިލާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ފަތިހު އެވެ. އޭނާގެ ކަރުގައި ޒަހަމެއް ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.
ނާޖިލާ އެ ރަަށަށް ގޮސް އުޅުމުގެ ތެރޭގައި ދަންވަރު އެކަނި ބޭރުގައި އުޅުމާއި އެ ގަޑީގައި މޫދަށް އެރި އުޅުނު ކަމަށްވެސް ބައެއް މީހުން ބުނެއެވެ. އެ ނޫންވެސް ޝައްކު ކުރެވޭ ފަދަ ކަންތައްތަކެެެއް އޭނާގެ ކިބައިން ފެނިފައިވެެއެވެ.
ގާފަރުގެ ކައުންސިލަރަކު ވިދާޅުވީ ނާޖިލާގެ މީހާގެ ހަށިގަނޑު މާލެ ގެންދިޔަ ނަމަވެސް މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މާލެ އިން ދިޔަ ފުލުހުންގެ ޓީމެއް ގެސްޓްހައުސްގައި ހަރަކާތްތެރިވި ކަމަށެވެ.
ނާޖިލާގެ މަރާ ގުޅޭގޮތުން ސުވާލުކުރުމުން ކައުންސިލަރު ވިދާޅުވީ އޭނާ މަރުވި ވަކި ސަބަބެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު އެންމެ ރަނގަޅަށް ސާފުވާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ. ނަމަވެސް އަންހެން މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަން ޔަގީންކޮށްދެއްވި އެެވެ.
ކައުންސިލަރު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ އެ ރަށަށް ދިޔައީ އެކަނި ކަމަށެވެ. އަދި ގެސްޓްހައުސްގައި އޭނާ އުޅުނީ ވެސް އެކަނި ކަމަށް ވިދާޅުވި އެވެ.