މަރު

ޕާކިސްތާނު މީހާގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ރޭ ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދުގެ ބަންދަށް 15 ދުވަސް ޖަހައިިފި އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށެވެ.

ޚާންޖީ ރެސްޓޯރަންޓްގައި އިއްޔެ ހިނގި ހާދިސާގައި އެތަނުގެ ޝެފަކަށް މަސައްކަތްކުރާ އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަކަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފަ އެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެކަމާއި ގުޅިގެން ވަގުތުން އޭނާ މަރުވި އެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން އޭނާއަށް އެކި ކަހަލަ ފަރުވާ ދެވޭތޯ ރެސްޓޯރަންޓްގެ މުވައްޒިފުން މަސައްކަތް ކުރިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ މަރުވެފައެވެ.

ހަމަލާ ދިނުމަށްފަހު އާބިދު ވަނީ އެތަނުން ފިލައިފަ އެވެ. އާބިދު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް ވެސް އެދުނެވެ.

ފުލުހުން ބުނި ގޮތުގައި އާބިދު އަކީ ވަރަށް ނުރައްކާތެރި މީހެކެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.