ސުޕްރީމް ކޯޓް

ނިހާޔަތަށް ބައެއް މައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެ

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިފަދައިން ނިންމާފައި ވަނީ ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލައިގައި ދައުލަތުން ނެގި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.

އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއިރު ޑީޕީޖީގެ މަގާމުގައި ނިހާޔަތު ހުންނެވުމުން، އެއްވެސް ގޮތެއްގައި އޭނާގެ ބައިވެރިވުން އޮވެދާނެ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އޭގެ ސަބަބުން މަސްލަހަތު ފުށުއަރާކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމަކު ނިހާޔަތުގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވެފައިވަނީ މި މައްސަލައިގައި އެއްވެސް ސިފައެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. މި މައްސަލައިގައި ނިހާޔަތު ބައިވެރިވެފައިވަނީ ކޮން ގޮތަކަށްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.

މި ނުކުތާ ހައިކޯޓުގައި ނެގުމުން އެ ކޯޓުން ނިންމީ ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށެވެ. އާޒިމާގެ މައްސަލަ ސުޕްރީމް ކޯޓަށް ދިއުމުން ވެސް ދައުލަތުން އެ ނުކުތާ ނެގި އެވެ.

މީގެ ކުރިން ވެސް ގިނަ ދުވަސްވީ ބައެއް މައްސަލަތަކުގައި ނިހާޔަތު ވަކާލާތު ކުރައްވާތީ ދައުލަތުން ވަނީ މި އިޖުރާއީ ނުކުތާ ނަގައިފަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެ މީހަކު ވަޒީފާ އަދާކުރަމުން ދަނިކޮށް އިދާރާއަކަށް މައްސަލައެއް ހުށަހަޅައިފި ނަމަ ތަނުން ވަކިވުމަށްފަހު ދިފާއީ ވަކީލުންގެ ގޮތުގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވާގޮތުގައި، މީގެ ކުރިން އެ ކޯޓުން ނިންނި މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތެއް ޕީޖީ އޮފީހުގައި މަސައްކަތްކޮށްފައިވާތީ އެ ވަކީލަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

ނިހާޔަތުގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލް ފަޒްނާ އަހްމަދު ވެސް މިފަދަ މައްސަލަތަކުގައި ބައިވެރިވާތީ ކުރިން ދައުލަތުން ވަނީ ކޯޓުގައި އިޖުރާއީ ނުކުތާ ނަގައިފަ އެވެ.

ނިހާޔަތު ޕީޖީ އޮފީހުން ވަކިވީ މާޗް 12، 2019 ގައެވެ. ޕީޖީ އޮފީހުން ފަޒްނާ ވަކިވީ އޯގަސްޓް 8، 2018 އެވެ. މި ދެބޭފުޅުން މިހާރު މަސައްކަތްކުރައްވަނީ އެއް ލޯ ފާމެއްގަ އެވެ.