ގަލޮޅު ސްކޫލުގައި ކިޔަވަމުންދިޔަ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް އެދި ކުއްޖާގެ އާއިލާއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
އެ ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު އޮތީ ސްކޫލުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 63 އަހަރުގެ މުވައްޒަފަކަށެވެ.
އޭނާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީން ލަފާދިނުމުން އޭގެ އަނެއް ދުވަހު ހެނދުނު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލައިގައި އަންހެން މީހާއަށް ދައުވާ ނުކުރަން ވެސް ދައުލަތުން ނިންމި އެވެ.
ގަލޮޅު ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު އެ މައްސަލަ ސްކޫލްގެ ސަމާލުކަމަށް އައުމާއެކު އަވަސް ފިޔަވަޅު އަޅައި އެ މައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަން ދޮގުކުރަމުން ކުއްޖާގެ އާއިލާގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލުން ބުނެފައިވާ އަވަސް މިނެއްގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. ސްކޫލުން ފިޔަވަޅު އެޅީ އެ މައްސަލައިގައި އަވަސް މިނެއްގައި ފިޔަވަޅު ނާޅާތީ އެކިފަރާތްތަކުން މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމުން ކަމަށް ވެސް ބުންޏެވެ. އަދި ފުލުހުން ކުރި ތަހުގީގަކީ ކުއްޖާގެ ބައްޕަ ހުށަހެޅި މައްސަލައިގެ ތަހުގީގު ކަމަށާއި ފުލުހުން ވެސް އަދި ކަމާގުޅުން ހުރި އެހެން އިދާރާއަކުން ވެސް ޖިންސީ ގޯނާގެ ތުހުމަތު އޮތް އަންހެން މީހާއާ މެދު ކަންބޮޑުވުމެއް ނެތްކަން އާއިލާއަށް އަންގާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.
"މި ހާދިސާއާ ގުޅިގެން ވަކި މީހަކަށް ޖިނާއީ ދައުވާ ކުރެވޭވަރަށް މިހާތަނަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުގައި ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން. އެކަމުން ދޭހަވަނީ ޖިނާއީ ދައުވާއެއް ނުކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަން. ޖިނާއީ ދައުވާއެއް ކުރުމަށް ގަސްދުކުރި ކުށް، ވަކި މިވެނި މީހަކު ކުރިކަން ސާބިތުކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ހުރިހާ އުންސުރެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރާނެ ހެކި ނުލިބޭކަން. އެއީ އެއްވެސް ހާލަތެއްގައި ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް މި ހާދިސާގައި ނެތްކަން، ނުވަތަ ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ޝާމިލުވުމެއް މިހާދިސާގައި ނެތްކަން ދަލީލުކޮށްދޭ ކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.
އާއިލާއިން ބުނި ގޮތުގައި ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށް ދައުލަތުން ނިންމި ނިންމުމާ ހިތްހަމަނުޖެހޭތީ އަލުން އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި އެ މައްސަލަ މިހާރު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ.
އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަން އެނގުނީ ސްކޫލް ނިންމާފައި ގެއަށް ގޮސް އެކުއްޖާގެ މަންމަ ކައިރީގައި އެވާހަކަ ބުނުމުންނެވެ.