އިންސާނީ ވަގުފާރި

އިންސާނީ ވަގުފާރި ހުއްޓުވަން އަތޮޅުތަކުގައި މަސައްކަތް ފަށަނީ

އިންސާނީ ވަގުފާރީގެ މައްސަލަތައް ހައްލު ކުރަން ވަރަށް ބޮޑު މަސައްކަތަކެއް މިއަހަރު ތެރޭ އަތޮޅުތަކުގައި ފުލުހުންނާއި ކައުންސިލްތަކާއި އިމިގްރޭޝަނާއި ގުޅިގެން ކުރާނެ ކަމަށް ފުލުހުންގެ ޑިވިޒަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސުޖާއު މިހެން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކައުންސިލް މެމްބަރުންނާއި މަހިބަދޫ ކައުންސިލް މެންބަރުނާއި މަހިބަދޫގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އދ. އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ގަވާއިދާ ހިލާފަށް އަތޮޅުތަކުގައި މިހާރު މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަތަކަށް ހާއްސަ އިސްކަމެއްދީގެން އެކަން ހައްލު ކުރަން ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތަކާއި ބެހޭ ގޮތުންނެވެ. މިގޮތުން ކޮންމެ ކައުންސިލް އަކުންވެސް އެރަށަކަން އަންނަ ބިދޭސީން ނަކީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތުގެ މަތިން އެރަށަކަށް އަންނަ ބިދޭސީންކަން ޔަގީކުރުމަށް މަސައްކަތް ކޮށްދެއްވަން ބާރު އަޅުއްވައިދެއްވުމަށް ކައުންސިލް މެމްބަރުންގެ ކިބައިން އޭސީޕީ އަލީ ޝުޖާއު އެދެވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް މިއަހަރުތެރޭގައި ކުރެވިގެންދާ މަސައްކަތް ފަށައިގަތުމުގެ ގޮތުން، އެރަށަކަން މީހުން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަދުފަހަރުގެ ވެރިންނާއި ކެޕްޓަނުންނާއި އެކު ބައްދަލުވުމެއް ބާއްވައި މައުލޫމާތު ހިއްސާ ކުރުމަށް މަޝްވަރާ ކުރެވުނެވެ.