ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. މިހާތަނަށް ދެ ހެކިވެރިޔެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ. މިއަދު 9:30 ގައި ވެސް ތާވަލުކޮށްފައި ވަނީ އިތުރު ހެކިވެރިޔެއްގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނެލް އިން ލައިވް ކުރެ އެވެ.
އެކަމަކު މި މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމްގެ ދިފާއީ ވަކީލަކު ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
"ޔޫސުފް ނައީމްގެ ވަކީލް ބަލި ހާލަތު ހުރިގޮތުން މިއަފުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދިފައިވޭ،" ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ހެކިބަސް ނަގައިފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާ މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން ފޯނެއް ތަހުލީލުކުރި ފުލުހުންގެ އޮފިސަރެކެވެ. ދެން ހެކިބަސް ނަގައިފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފުލުސް އޮފިސަރުގެ ހެކިބަހެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ހެކިބަސް ނެގުން ކުރިއަށްދާނެ ކަމަށެވެ. އަދި މި މައްސަލައިގެ ހުކުމް ސެޕްޓެމްބަރު މަހު ކުރައްވާނެ ކަމަށެވެ.