ހައިކޯޓް

ފަޒްލޫނާއި ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓަށް

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ. ދެ ބޭފުޅުންގެ ފަރާތްޕުޅުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު މި ދެ ބޭފުޅުންގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ނިޝާންގެ ބަންދަށް 13 ދުވަސް އަދި ފަޒްލޫންގެ ބަންދަށް ވަނީ 16 ދުވަސް ދީފަ އެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގެ އެންމެ އިސް ބޭފުޅަކީ ޝައިހް ނިޝާނެވެ. އެ ތުހުމަތު އެގޮތަށް އޮތަސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފުލުހުން ނުދައްކަ އެވެ.

ދެ އިލްމުވެރިން ހިމެނޭހެން ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެކަކު ދޫކޮށްލާފައިވާއިރު ބަންދުގައި ތިބީ 20 މީހެކެވެ. އަދިވެސް ހައްޔަރުކުރަން ޖެހޭ މީހުން އެބަ ތިބި ކަމަަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.