ހައްވާ ޒުހާ

ތުހުމަތު ކުރެވެނީ ޒުހާ މަރާލާފައިވާ ކަމަށް: ޕޮލިސް

Jan 7, 2016
7
  • ޒުހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
  • އާއިލާ ބުނަނީ ޒުހާ ފަތުން ރޭ ބަޔަކު ދުވި ކަމަށް
  • މަރުވި އިރު ޒުހާ ހުރީ ބަންދެއްގައި

ރޭ ފަތި މާލޭ މަގުމަތިން ފެނުނު ހައްވާ ޒުހާ މަރާލުމަށްފަހު އެއްލާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ދާދިދެންމެއަކު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 6:00 ޖަހާއެހާކަންހާއިރު މާލޭ ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި އަންހެނަކު ވެއްޓިފައި އޮތް މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއީ ލ. ގަން ތުނޑީ، ބާބުލް އަވާލީ، ހައްވާ ޒުހާ 23، ކަން އެނގުނު ކަމަށެވެ. -- ޒުހާއަކީ ސުނާމީއަށް ފަހު ލ. ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތަކުގައި ހިމެނޭ ކަޅައިދުއަށް ނިސްބަތްވާ ޒުވާނެކެވެ. --

އެބަޔާނުގައު ބުނެފައި ވަނީ "މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތަހުގީގުން އެނގިފައިވާގޮތުގައި މިއީ ގުދުރަތީ ގޮތުން މަރުވެފައިވާ މަރުވުމެއްނޫނެވެ. މީގެ އިތުރުން، މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ތުހުމަތު ކުރެވެނީ ޒުހާ މަރާލުމަށްފަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރެއަށް އެއްލާލާފައި އޮތީ" ކަމަށެވެ.

ފުލުހުން ބުނީ ޒުހާގެ މަރުގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައިވާ ކަމަށާއި އެކަމާބެހޭ މަޝްވަރާ ކުރަމުން ގެންދާކަމަށެވެ.

އަވަސްގެ ނިއުސް ޑްރޮޕަށް ކިޔުންތެރިއަކު ފޮނުވާފައިވާ ފޮޓޯގައި ޒުހާ އެއްލާލާފައި އޮއްވާ ފެންނަނީ ގޯޅިއެއްގެ ތެރޭގައި ހުރި ކުނިކޮތަޅުތަކެއްގެ މައްޗަށެވެ. ފޮޓޯއިން ފެންނަ ފެނުމުގައި ޒަހަމެއް ނުފެނެ އެވެ. ނަމަވެސް ޒުހާގެ ހަށިގަނޑު އައިޖީއެމްއެޗްގައި އޮތް އިރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ބޭރު ފުށުންވެސް ފެންނަން ހުއްޓެވެ.

މި މައްސަލަ ފުލުހުން ބަލައި ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކުރިން ކައިވެންޏެއްކޮށްފައިވާ ޒުހާގެ ދެ ދަރިން ވެސް ތިބެ އެވެ. އެ ކުދިން ބަލަނީ އެހެން ބައެކެވެ. އޭގެ ތެރެއިން އެއްކުއްޖަކު ހުންނަނީ ކުޑަކުދިންގެ ހިޔާގައި ކަމަށް ބުނެ އެވެ.

ޒުހާގެ މަންމަގެ ބަސް

ޒުހާގެ މަންމަ ވަނީ މިއަދު އަވަސް އަށް ވާހަކަ ދައްކާފަ އެވެ. ދަރިފުޅު މަރުވި ހަބަރާ ގުޅިގެން މާލެ އައުމަށް ކައްދޫ އެއާޕޯޓްގައި ހުރެ އޭނާ ބުނީ ދަރިފުޅު މަރުވެފައި އޮއްވާ ފެނުމުގެ އިރުކޮޅެއް ކުރިން ބަޔަކު ޒުހާ ފަހައި ދުވަނިކޮށް އޭނާގެ ރައްޓެހިންތަކަކަށް ފެނިފައިވާ ކަމަށެވެ.

އޭނާ ބުނީ ޒުހާ މާލޭގައި ހުންނަނީ މަސްތުވާތަކެތި ބޭނުންކުރާތީ އެކަމަށް ފަރުވާހޯދަން ކަމަށާއި ކޮންމެވެސް މައްސަލައެއްގައި ވަރަށް ފަހުން ކޯޓަށް ހާޒިރުކުރި ކަމަށާއި، އެ މައްސަލައިގެ ބަންދުގައި ޒުހާ ހުންނަތާ ވެސް ހައެއްކަ މަސް ވެދާނެ ކަމަށެވެ.

ޒުހާގެ މަރުގެ ހަބަރު ފުލުހުން ދިނީ މިއަދު ހެނދުނު ކަމަށް އޭނާގެ މަންމަ ބުންޏެވެ. އަދި ބުނީ ޒުހާ މަރުވުމުގެ ކުރިން، އޭނާ މަރުވެފައި އޮއްވާ ފެނުނު ގޯޅިގަނޑާ ކައިރި ހިސާބަކުން ބަޔަކު އޭނާ ފަހައި ދުވަނިކޮށް ފެނުނު ކަމަށް ޒުހާގެ ރައްޓެއްސަކު މިއަދު ގުޅާފައި ބުނި ކަމަށެވެ. ނަމަވެސް އޭނާއަށް ބަޔަކު އަނިޔާ ކުރި ކަން އެނގިފައި ނުވާ ކަމަށެވެ.

"ޒުހާ ރޭ ނޫން ކުރީ ރޭވެސް ގުޅި. އޭނަ ބުނީ، ތިމަންނަ ބަންދުގައި ބަހައްޓާތާ ވަރަށް ދުވަސް ވެއްޖެއޭ. ތިމަންނަ ބޭނުމޭ މަންމަމެން ކައިރިއަށް ގޮސްލަން. އަހަރެން ބުނީ އެހެންވީމަ ތިކަމަކުން [މައްސަލައިން] ސަލާމަތް ވަންދެން މަޑުކުރާށޭ، އެހެން ބުނީމަ އޭނަ ބުނި ތިމަންނަ މަސައްކަތް އެބަ ކުރަމޭ ރަނގަޅަށް އުޅެން،" ޒުހާގެ މަންމަ ކިޔައިދިނެވެ.