މޯލްޑިވްސް ޕޮލިސް ސާވިސް

އަހަރެއް ކުރީން މަރުވެފައިވާ މީހަކު ހޯދަން އިއުލާނުކޮށްފި

Aug 28, 2022

މީގެ އަހަރެއްހާ ދުވަސް ކުރީން މަރުވެފައިވާ މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ހޯދާ ކަމަށް ބުނެފައިވަނީ އދ. ދަނގެތީ ފެހިވިލާގެ، ޝައުކަތު އަލީ އެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ޝައުކަތަކީ ފުލުހުން ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހެއް ކަަމަށެވެ. އޭނާގެ ފޮޓޯއާ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ.

ޝައުކަތުގެ މައްޗަށް އޮތީ ފޯނުން މީހުނަށް ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖޫން 19 ވަަނަ ދުވަހު ޝައުކަތު ވަނީ މަރުވެފައެވެ. ޝައުކަތު މަރުވީ ކޮވިޑް ބަލީގައެވެ. އޭނާގެ ޖަނާޒާ އޮތީ އެ ދުވަހުގެ ހެނދުނު 9:45 ގައި ހުޅުމާލެ ސަހަރާގައެވެ. ކޮވިޑްގައި މަރުވާ މީހުން ވަޅުލަމުން ދަނީ ހުޅުމާލެ ސަހަރާގައެވެ.

މަރުވެފައިވާ މީހަކު ހޯދަން އިއުލާނު ކުރުމުން އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނައުމާއެކު އެ އިއުލާނު މިހާރު ވަނީ ޑިލީޓް ކޮށްފައެވެ.