ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާތުގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހުތަކާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ގާސިމް ހުށަހެޅުއްވި ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވާ މަޖިލީހަށް ބިލްތައް ތައާރަފްކޮށްފަ އެވެ.
ގާނޫނުއަސާސީއަށް ގާސިމް އިބްރާހިމް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށް ވުރެ އިތުރު ނުވާނެ ގޮތެއް ހެދުމަށެވެ.
ގާސިމް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް ގާނޫނުއަސާސީގައި ލިޔުމަށާއި 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރު އިންތިހާބު ކުރުމަށެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ ކަމަށެވެ.
ގާނޫނުލްއުގޫބާތަށް ގާސިމް އިސްލާހު ހުށަހެޅުއްވީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އަދަބު ބޮޑު ކުރުމަށެވެ. ގާނޫނުލްއުގޫބާތުގައި މިހާރު އޮތް ގޮތުން އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އަދަބަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. ގާސިމް ހުށަހަޅުއްވާފައިވަނީ އެފަދަ މީހުންގެ އަދަބު ބޮޑު ކުރާށެވެ. އެގޮތުން ދެވަނަ ދަރަޖައިގެ ކުށަކަށް ހެދުމަށް ހުށަހަޅުއްވާފައިވެ އެވެ. އޭރުން ކުށް ސާބިތުވާ މީހަކަށް 10 އަހަރުގެ ހުކުމެއް އަންނާނެ އެވެ.
ގާސިމް ގަބޫލުކުރައްވާ ގޮތުގައި މުރުތައްދުވާ މީހުންނަށް މިހާރު ދޭ ތައުޒީރީ އަދަބަކީ ކުޑަ އަދަބަކަށް ވާތީ އެއީ އިސްލާމީ ޝަރީއަތަށް ކުރެވޭ ތައުހީނެކެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނަށް ގާސިމް އިސްލާހު ހުށަހެޅުއްވީ ލިވާތު ކުރުމާއި ސިހާގުގެ ކުށް، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށެވެ. ލިވާތު ކުރުމުގެ ކުށަކީ ދެ ފިރިހެނުން ޖިންސީ ގުޅުން ހިންގުމެވެ. ސިހާގުގެ ކުށަކީ ދެ އަންހެނުން ޖިންސީ ގުޅުން ހިނގުމެވެ.
ގާސިމް އިސްލާހު ހުށަހެޅުއްވީ ޖިނާއީ އިޖުރާތުގެ 22 ވަނަ މާއްދާގައި ހިމެނޭ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތު ކުރުމާއި ސިހާގުގެ ކުށް ހިމެނުމަށެވެ. ޖިނާއީ އިޖުރާތުގެ ގާނޫނުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި މިވަގުތު ހިމެނޭ 12 ކުށުގެ ތެރޭގައި ލިވާތު ކުރުމާއި ސިހާގުކުރުން ނުހިމެނެ އެވެ.
ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި ލިވާތުކުރުމާއި ސިހާގު ކުރުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ފާހިޝްކަން ބޮޑު އަމަލުތަކަކަށް ވާތީ އެ ދެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަންޖެހެ އެވެ.