ފެމިލީ ކޯޓް

ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަނީ

ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

ޖޭއެސްސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފެމެލީ ކޯޓުގައި މިހާރު މަސައްކަތް ކުރަމުންދާ ފަނޑިޔާރުންގެ ތެރެއިން އިސް ގާޒީކަން ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަގާމަށް މުސާރައާއި އިނާޔަތްތަކާ އެކު 47،375 ރުފިޔާ ލިބޭނެ އެވެ.

ފެމެލީ ކޯޓަށް އިސް ގާޒީއަކު ހޯދަން ޖޭއެސްސީ އިން އިއުލާނުކޮށްފައި މިވަނީ އެ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިދިޔަ ޖޫން 27 ވަނަ ދުވަހު އައްޔަންކުރުމާ ގުޅިގެންނެވެ.

ފެމިލީ ކޯޓު ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވީ އެ ކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ގާޒީ އިބްރާހީމް މާހިރު އެވެ.