އެމްއެންޑީއެފް

ވަޒަންތަކާބެހޭ މައުލޫމާތު އަދި ހާމަކުރޭކަށް ނެތް: އެމްއެންޑީއެފް

އިއްޔެ ރ. ދުވާފަރުގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ފެނުނު ވަޒަންތަކެއް ކަމަށް ބެލެވޭ އެއްޗެއްސާ ގުޅޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. ދުވާފަރުގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގާފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ވިދާޅުވީ، އެ މައްސަލާއާ ގުޅޭ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ. ދުވާފަރުގައި ފުލުހުންނާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ދުވާފަރުން ވަޒަންތަކެއް ފެނިފައިވާކަން ކަށަވަރު ކޮށްދެއްވަމުން އިއްޔެ ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވެފައިވަނީ، ދުވާފަރުގައި ހިންގި އޮޕަރޭޝަންގައި ވަޒަންތަކެއް ފެނުމާ ގުޅިގެން އެކަން އެމްއެންޑީއެފްއަށް އަންގާފައިވާނެ ކަމަށެވެ. ވަޒަންތައް ފެނިފައިވަނީ ދުވާފަރުގެ ގެއެއްގެ ތެރެއިންނެވެ.

އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ދުވާފަރުން ފެނިފައިވަނީ، ތަމްރީނުތަކުގައި ބޭނުން ކުރާ ލައިވް ވަޒަންތަކެއް ކަމަށް ބެލެވޭ އެއްޗެކެވެ. އެ ރަށުގައި އެއާ ގުޅުން ހުރި އިތުރު އެއްޗެހި ހުރިތޯ ސިފައިން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު އިސްމާއިލް ވިދާޅުވީ، ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަން އަދިވެސް ދުވާފަރުގައި ކުރިއަށް ގެންދާނެ ކަމަށެވެ.