ޕީޕީއެމް

ޔޯގާ މައްސަލައިގައި ދައުވާކުރީ އިންޑިއާ އަންގައިގެން: އިދިކޮޅު

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އިންޑިއާ ސަރުކާރުން އަންގައިގެން ކަމަށް ޕީޕީއެމް އާއި ޕީއެންސީ އިން ތުހުމަތުކޮށްފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ބޯޅަ ދަނޑުގައި ހިނގި ހާދިސާ އާއި ގުޅުވައި ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލީ އިންޑިއާ ސަރުކާރުން އެންގި ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.

އެ ދެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެ ދުވަހުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ރޭވިގެން ސަރުކާރުން ކުރުވި ކަމެކެވެ.

އެކަމުގައި ފުލުހުން އިހުމާލުވާ ކަމަށާއި، އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ނަމަވެސް، އެ މައްސަލަ ނުބަލާ ކަމަށް އެ ޕާޓީތަކުން ވަނީ ބުނެފައެވެ. ހަމަނުޖެހުމުގައި ބައިވެރިނުވާ މީހުންގެ މައްޗަށްވެސް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލަށް ދައުވާ އުފުލާވައިރާއިރު އެޕާޓީތަކުން ބުނީ މުހައްމަދު އިސްމާއީލް ގަލޮޅު ދަނޑަށް އެދުވަހު ވަދެފައި ނުވާ ކަމަށެވެ. އޭނާއަކީ އެ ހަމަނުޖެހުން ހިންގިއިރު އެތާ ހުރި މީހެއް ނޫން ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ނިންމުން އަނބުރާ ގެނައުމަށް ވަނީ ގޮވާލާފަ އެވެ.

ޕީޕީއެމް އާއި ޕީއެންސީން ބުނީ ޖޫން 21ގެ ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާއަށް މިގައުމުގައި ގާއިމުވެ ތިބުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށް ބެލެވޭ އެތައް ކަމެއް އެ ދުވަހު ހިނގާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ފޮނުވާފައިވާ ބަޔަކު އިސްވެ ތިބެ ދަނޑުތެރެއަށް ވަދެގަތުމާއި، ދަނޑަށް ވަންނަ ދިމާކުރި ސަރުކާރުގެ މަންދޫބުންނަށް ފުލުހުން އެ ފުރުސަތު ދީފައިވާކަން ފެންނަ ކަމަށް ބުނެފައިވެއެވެ.

މަޝްރޫއުތައް އަވަސްކުރުމުގެ ނަމުގައި އިންޑިއާއިން 100 މިލިއަން ޑޯލަރުގެ ލޯނެއް ނެގުމާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވާ ދުވަސްވަރާ ދިމާކޮށް ޕީޖީން އެ ފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ނޫންކަމުގައި ދެކޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ދައުވާކޮށްފައިވަނީ 19 މީހަކަށެވެ.