މާލޭގައި އުމުރުން ދުވަސްފީ ފިރިހެނަކަށް ހަމަލާދީ، ވޮލެޓް ފޭރިގަތް މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެއް ކަމަށެވެ.
މި ދެ މީހުން ރޭގެ ވަގުތެއްގައި މާލެއިން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ދެ މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށްވެސް 45 ދުވަސް ދީފަ އެވެ.
އުމުރުން 57 އަހަރުގެ އަދުނާނު ހުސައިން މާލޭގެ މަގެއްގައި ހިނގާފައި ދަނިކޮށް ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އަތުގައި އޮތް ވޮލެޓް ފޭރިގަތީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އެވެ. މި ދެ މީހުން އަދުނާނުގެ ވޮލެޓް ފޭރިގަތީ އަދުނާން ޒަހަމްކޮށްލުމަށްފަހު އެވެެ.
މައްސަލަ ރިޕޯޓްކުރަން މާފަންނު ޕޮލިސް ސްޓޭޝަނުގައި ހުއްޓާ ހާލުދެރަވެ އަދުނާން ވަނީ މަރުވެފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފަ އެވެ. އަދުނާނު ހުސައިނަކީ ހިތުގެ މައްސަލައެއް ހުންނާތީ ކުރިން އޮޕަރޭޝަނެއްވެސް ކޮށްފައިވާ މީހެއް ކަމަށް އެނގިފައިވެ އެވެ.