ކްރިމިނަލް ކޯޓް

އާގިލްގެ މަރު: އަޑުއެހުން ކެންސަލް

Dec 14, 2022

އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާކުރަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމް އެވެ.

މި މައްސަލައިގައި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

މައްސަލައިގައި މިއަދު ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތް އަޑު އެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އާގިލް އަށް ހަމަލާދިނުމުން އޭނާ މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށްވާ ގޮތަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިއަކު ހެކިބަސް ދެމުން ބުނެފައިވަނީ އާގިލްގެ މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

އޭޑީކޭގެ މެޑިކަލް ރިޕޯޓުން ހާމާވާ ގޮތުގައި އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން ހިތުގެ ބޭރު ފަށަލައަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.