މޯލްޑިވްސް ޕޮލިސް ސާވިސް

ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑު ވަޅުލައިފި

ވ. ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހެދުމަށްޓަކައި ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލައިފި އެވެ.

ނަމަވެސް ޑީއެންއޭގެ ނަތީޖާއާއި ބެހޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ވެމްޕަރު ފަޅުން އިންސާނެއްގެ ހަށިގަނޑު ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

އެ މީހާގެ ހަށިގަނޑު ފެނުނީ ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހުން ގެއްލިގެން ފުލުހުން ހޯދަމުން ދަނިކޮށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ) އާއި ބަނގްލަދޭޝްގެ މޮހައްމަދު ލިޓަން (35 އ) އެވެ.

މި ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެވެސް ބަލަމުން ދަނިކޮށް ނިޒާމުއާ އެކު ފޮޓޯއެއް ނަގައި އާންމުންގެ މީހަކު ވަނީ ފޮޓޯ އާންމުކޮށްފަ އެވެ. ނަމަވެސް ލިޓަން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެ އެވެ.

ފުލުހުން ވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި މުހައްމަދު ނިޒާމު ހައްޔަރުކޮށްފަ އެވެ.