މަރުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅި މައްސަލަ ބަލައިގަނެފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު އަވަސްއަށް ވިދާޅުވީ ނިޒާމުގެ މައްޗަށް ދައުވާ ކުރުމާއި މެދު އަންނަ ހަފުތާގައި ގޮތެއް ނިންމާނެކަމަށެވެ.
ތެޔޮ ބޯޓެއްގައި މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާއްމުކުރީ އެ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެވެ.
ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ މުހައްމަދު ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) އެވެ. އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެ ވެސް ބަލަމުން ދަނިކޮށް ނިޒާމު ފެނުނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓްހައުސްއަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އޭގެ ކުރިން އާންމުންގެ މީހަކު ވަނީ އޭނާއާއި އެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.
ލިޓަން އަދިވެސް ފެނިފައިނުވާ އިރު، މީހެއްގެ ހަށިގަނޑެއް ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަނީ ވ. ވެމްޕަރު ފަޅުން ފެނިފައެވެ. އެ ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހެދުމަށްޓަކައި ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ވަނީ ވަޅުލާފައެވެ.
ނިޒާމުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި ޖެނުއަރީ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުން ފުލުހުންގެ އެދުމުގެ މަތިން ވަނީ ސިއްރު ކޮށްފަ އެވެ. އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ ނިޒާމުގެ ބަންދަށް ދެ މަސް ދުވަސް ޖަހައިފަ އެވެ.
މި ދެމީހުން ދަތުރުކުރި ތެޔޮ ބޯޓު ފެނުނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ ކައިރިންނެވެ.