އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެ ރަށު ބައެއް މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިފި އެވެ.
އަވަސްއަށް މަނަދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނައީމާގެ އާއިލާގެ ބައެއް މީހުންނާއި ނައީމާ ދިރިއުޅޭ ގެ ކައިރީގައި އުޅޭ ބައެއް މީހުންގެ އިތުރު އިތުރު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ވަނީ ނަގާފަ އެވެ.
ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ނައީމާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ނައިމާ ފުލުހުން ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކަކާއެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއް -- މީހަކު / ބަޔަކު ނައީމާ މަރާލީ ކަމަށް ބަލައިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށެވެ.
ނައީމާގެ މަރާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން ވަނީ ނައީމާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ބަލައިފާސްކޮށްފަ އެވެ. އޭގެ އިތުރުން މަނަދޫގެ ބައެއް ސަރަހައްދުތައް ބަލައިފާސްކޮށްފައިވެ އެވެ.
ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ނައީމާ ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.
ފުލުހުން ބުނީ ނައީމާގެ ހަށިގަނޑުން ފުލުހުން ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.