ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ފުރައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރަށްރަށަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުން ފުރައިފި އެވެ.

އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް'' އާ ގުޅޭ ގޮތުން ފުލުހުން ބުނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އުތުރާއި ދެކުނުގެ ރަށްރަށަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުން ފުރީ މިއަދު ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ ވޯޓު ކަރުދާސް ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ގެންދިއުމަށް ޕޮލިސް 19 އަދި ޕޮލިސް 20 ލޯންޗް މިއަދު ހެނދުނު ފުރާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާއިރު ފުރަތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި -- ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.