މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން އާންމުންގެ ތެރެއަށް ނިކުތުން މަދުވުމުން ސީޕީ ކަންބޮޑުވެއްޖެ!

ފުލުހުންގެ ޑިއުޓީ ގަޑީގައި އާންމުންގެ ތެރެއަށް ނިކުތުން މަދުވުމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ފާހަގަކުރުމަށް ރޭ އައްޑޫސިޓީ ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު ވިދާޅުވީ ފުލުހުން ގިނަ ފަހަރު ޑިއުޓީ ނިންމާލަނީ ރައްޔިތުންގެ ތެރެއަށް ނުނިކުމެ ހަމައެކަނި ސްޓޭޝަންގައި ތިބެގެން ކަމަށެވެ.

އެއީ ހިތާމަ ހުރި ކަމެއް ކަމަށް ވިދާޅުވެ ސީޕީ ޝުޖާއު ވިދާޅުވީ މަގުތައް އަމާންކުރެވޭނީ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމަށެވެ.

ސީޕީ ޝުޖާއު ވިދާޅުވި ގޮތުގައި ކަމެއް ހިނގައިގެން ރިޕޯޓް ނުކުރާނަމަ ގިނަ ފަހަރު ފުލުހުންގެ ޑިއުޓީ ނިންމާލަނީ ސްޓޭޝަނުގެ ތެރޭގައި ތިބެގެންނެވެ. އަދި އެކަން ބަދަލުވާންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަށް ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާއެކު ހޭދަކުރަން އެބަޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފުލުހުން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ޔުނިފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ ކުށްކުރަން އުޅޭ މީހުން ޖެހިލުންވާނެ ކަމެއް ކަމަށެވެ.

އެ ގޮތުން ރަށްރަށުގެ ބަނދަރުމަތީގައި ފުލުހުން ހަރަކާތްތެރިވެ، އެ ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މީހުން އޮންނަ އުސޫލުގެ ތެރެއިން ބަލައިފާސްކުރާނަމަ ރަށަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.