މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި ފާއިތުވި ދެ ދުވަހު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކުދި ރީޓެއިލް ފިހާރަތައް އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުން ފާއިތުވި ދެ ދުވަހު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ ގޮތުން މިމަހުގެ އަށްވަނަ ދުވަހު ތިން ތަނެއް ބަލައި ނުވަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި ރޭ ހަތަރު ތަނެއް ބަލައި ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 70 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.