މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހަތް މީހުން ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަން ހިންގީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެންނެވެ.

ކޯޓު އަމުރެއްގެ ދަށުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ވަނީ ބަލައިފާސްކޮށްފަ އެވެ.

އެ ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.

ފުލުހުން ބުނި ގޮތުގައި މިމަހުގެ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުންނެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުުމުން ހަތް މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.