ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި މެސެޖުތަކެއް ފޮނުވާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދުމަށް" ކަމަށް ބުނެ މެސެޖުތަކެއް ދައުރު ކުރަމުންދާކަން ޕާޓީގެ ސެކްރެޓޭރިއަޓްގެ ސަމާލުކަމަށް އެކިއެކި ފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.
ޕީއެންސީ އިން ބުނީ އެ ޕާޓީގެ ބޭނުމަށް ރަށްރަށުން މައުލޫމާތު ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނެލްތައް މެދުވެރިކޮށް ކަމަށެވެ.
"މި ގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަންވެސް މިފުރުސަތުގައި ފާހަގަކުރަން،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީއެންސީ އިން ބުނީ އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދަން ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށެވެެ.
މިހާތަނަށް ފާހަގަކުރެވިފައިވާ މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.
ޕީއެންސީގެ ބަޔާނުގައި ވަނީ އެ ޕާޓީގެ ނަމުގައި ސައްހަ ނޫން މެސެޖުތައް ފޮނުވުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށްވެސް ގޮވާލާފަ އެވެ.