ހަބަރު

އިތުރު ފަސް މީހެއް މައްޗަށް މޮނިކޮން އަމުރު ނެރެފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ގޭންގުތަކަށް ނިސްބަތްވާ އިތުރު ފަސް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ހައިކޯޓުން ނެރެފި އެވެ. މި ފަސް މީހުންނަކީ ހައިކޯޓުގައި މޮނިކޮން އަމަރު ނެރެދިނުމަށް ހޯމް މިނިސްޓްރީން އެދުނު 11 މީހުންގެ ތެރޭގައި ހިމެނޭ ފަސް މީހުންނެވެ. މި އަމުރު ހައިކޯޓުން ނެރެފައިވަނީ އިއްޔެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ އަވަސްއަށް ވިދާޅުވީ، އެ ފަސް މީހުންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ފަސް މީހުނަކީ ކޮބައި ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މީގެކުރިން މޮނިކޮންގެ އަމުރު ނެރެފިއިވާ ހަ މީހުންނަކީ، މ. ލިލީޕާކް ފަޒީލް ޙަމީދު 25، އާއި، ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް 23، އާއި، ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު 20، އާއި، ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު 20، އާއި، މ. ހިއްސާ، ޢާޠިފް ޢަބްދުލް ޙަލީމް 24، އާއި، ދަފްތަރު ނަމްބަރު ޑީ.އެޗް.އާރު. 1475، އަޙްމަދު ރިޒާމް 26، އެވެ.

ފުލުހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރު އުމަރު ނިންމަވާފައިވަނީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ 11 މީހެއްގެ މައްޗަށް ކަމަށެވެ.

މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބަލަހައްޓާނެ އެވެ.

"ތަކުރާރުކޮށް ކުށްކުރާ އަދި ޚާއްސަކޮށް ވަކި ސަަރަހައްދުތަކަށް އެއްވެ ތިބެ އެސަރައްދުގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް އުނދަގޫކޮށް ތަފާތު ކުށްތައް ކުރަމުންދާ ބަޔަކާއި މެދު މިފަދަ ފިޔަވަޅުތަކެއް ތަންފީޒުވެގެން ދިއުމަކީ އާއްމު ރައްކާތެރިކަމާއި އަމަން އަމާންކަން އިތުރުވެގެން ދާނެކަމެއްކަމުގައި ފުލުހުން ފާހަގަކުރަމެވެ. އަދި މިއަމުރާއި ޚިލާފްވާ ފަރާތްތަކައި މެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.