މޮނިކޮން އޯޑާ

މޮނިކޮން އަމުރާއެކު ހަ މީހެއްގެ ފައިގައި ޓެގް އަޅުވައިފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ގޭންގުތަކަށް ނިސްބަތްވާ ހަ މީހުންގެ މައްޗަށް ނެރުނު މޮނިކޮން އަމުރު ތަންފީޒުކުރުމުގެ ގޮތުން އެމީހުންގެ ފައިގައި ޓެގު އަޅުވައިފި އެވެ.

ހައިކޯޓުގައި މޮނިކޮން އަމަރު ނެރެދިނުމަށް ހޯމް މިނިސްޓްރީން އެދިފައިވަނީ 11 މީހުންގެ މައްޗަށެވެ. އެ 11 މީހުންގެ މައްޗަށް ވެސް އެ އަމުރު ހައިކޯޓުން މިހާރު ވަނީ ނެރެދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަމުރު ނެރުނު ފުރަތަމަ ހަ މީހުންގެ މައްޗަށް އަމުރު ތަންފީޒުކުރުމުގެ ގޮތުން އެމީހުންގެ ފައިގައި މިހާރު ޓެގު އަޅުވާފައިވާ ކަމަށެވެ.

އެ ހަ މީހުންނަކީ، މ. ލިލީޕާކް ފަޒީލް ޙަމީދު 25، އާއި، ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް 23، އާއި، ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު 20، އާއި، ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު 20، އާއި، މ. ހިއްސާ، ޢާޠިފް ޢަބްދުލް ޙަލީމް 24، އާއި، ދަފްތަރު ނަމްބަރު ޑީ.އެޗް.އާރު. 1475، އަޙްމަދު ރިޒާމް 26، އެވެ.

އިއްޔެ މޮނިކޮން އަމުރު ނެރުނު ފަސް މީހުންގެ ފައިގައި އަދި ޓެގު އަޅުވާފައެއް ނުވެ އެވެ. މި ފަސް މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ.

މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބަލަހައްޓާނެ އެވެ.

"ތަކުރާރުކޮށް ކުށްކުރާ އަދި ޚާއްސަކޮށް ވަކި ސަަރަހައްދުތަކަށް އެއްވެ ތިބެ އެސަރައްދުގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް އުނދަގޫކޮށް ތަފާތު ކުށްތައް ކުރަމުންދާ ބަޔަކާއި މެދު މިފަދަ ފިޔަވަޅުތަކެއް ތަންފީޒުވެގެން ދިއުމަކީ އާއްމު ރައްކާތެރިކަމާއި އަމަން އަމާންކަން އިތުރުވެގެން ދާނެކަމެއްކަމުގައި ފުލުހުން ފާހަގަކުރަމެވެ. އަދި މިއަމުރާއި ޚިލާފްވާ ފަރާތްތަކައި މެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.