ހައިކޯޓުން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ މޮނިކޮން އަމުރުގެ ދަށުން ފަސް މީހެއްގެ މައްޗަށް އެ އަމުރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މޮނިކޮން އަމުރުގެ ދަށުން ޓެގް އަޅުވަން ޖެހޭނެ ކަމަށް ކޮމެޓީން ފާސްކުރި ނުވަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވާކަން އެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައިނުވާއިރު އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން އެއްވެސް ބަހެއް ވެސް ނުބުނެ އެވެ.
ނަމަވެސް މިއަދު ފުލުހުން އެ އިދާރާގެ ވައިބާ ގްރޫޕް މެދުވެރިކޮށް ބުނީ، މޮނިކޮން އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށާއި އެގޮތުން މި ނިޒާމްގެ ތެރެއިން މިވަގުތު ފަސް މީހަކު ބަލަހައްޓަމުންދާ ކަމަށެވެ.
"އަމުރު ތަންފީޒު ކުރެވޭ މިންވަރުން އަޕްޑޭޓް ހިއްސާކޮށް ދޭނަން،" އެހެން ވެސް ބުނެފައި ވެއެވެ.
ފަސް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ތަންފީޒުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެމީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. މީގެ ކުރިން މޮނިކޮން އަމުރޭ ނެރޭ މީހުންގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރެ އެވެ.
މޮނިކޮން އަމުރުގެ ދަށުން އެންމެ ފުރަތަމަ ޓެގު އަޅުވަން ފަށާފައި ވަނީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު އެވެ. އެ ދުވަސްވަރު 15 މީހެއްގެ ފައިގައި ޓެގް އަޅުވައިގެން ފުލުހުން މޮނިޓާ ކުރަމުން ދިޔަ އެވެ. ނަމަވެސް އޭރު ރައީސް އޮފީހުން ނިންމީ ޓެގު އެޅުވޭނީ ހޯމް މިނިސްޓްރީގެ ދަށުން އޮންނަ ކޮމިޓީއަކުން ފާސް ކުރުމުން ކަމަށެވެ.
ޓެގު އެޅުވި މޮނިޓާ ކުރުމުގެ ގޮތުން ހައި ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޓެގު އަޅުވާ ފަރާތްތައް ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން ހިމެނެ އެވެ. އަދި އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ އިތުރުން އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން ހިމެނެ އެވެ.