މަރު

15 އަހަރުގެ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ

ޏ. ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ އެވެ. އޭނާ ދަންޖެހިގެން މަރުވިކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 8:55 ހާއިރު އެވެ.


ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ ރައީސް އަހުމަދު ހަމްދޫން ނުއުމާން މިރޭ އަވަސްއަށް ވިދާޅުވީ، ދަންޖެހިގެން މަރުވި ކުއްޖާއަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 އެއްގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެއް ކަމަށެވެ. އެ ކުއްޖާއަކީ 15 ނުވަތަ 16 އަހަރުގެ ކުއްޖެއް ކަމަށް ހަމްދޫން ވިދާޅުވި އެވެ. އެ ކުއްޖާ މަރުވެފައި ހުއްޓާ ފެނުނީ ކޮޓަރި ތެރެއިންނެވެ. ދަންޖެހުނީ ފަންކަލެއްގައި ވާގަނޑެއް އައްސައިގެން ކަމަށްވެ އެވެ.

އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ހަމްދޫން ވިދާޅުވީ، އެ އާއިލާ ތެރޭގައި އެއްވެސް މައްސަލައެއްް ޖެހިފައިނުވާ ކަމަށެވެ. އަދި ކުއްޖާ މަރުވީ އެ އާއިލާ ތެރޭގެ މައްސަލައެއްގައި ނޫން ކަމަށެވެ.

އެ ކުއްޖާ މިހާރު ވަނީ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.