މައުމޫން ހަމީދު

މަރުގެ މައްސަލަތަކުގައި ނޫނީ އިންޓެލް ރިޕޯޓް ބައިރުފިޔާކައަށް ލިބޭ: މައުމޫން

މަރުގެ މައްސަލަތަކުގައި ހެކި ނެތިގެން މީހުން ދޫކޮށްލާ މައްސަލާގައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ފުލުހުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

ޓްވީޓް ކުރައްވާ މައުމޫން ވިދާޅުވީ މަރުގެ މައްސަލަތަކުގައި ނޫން އެހެން މައްސަލަތަކުގައި ވަރަށް ފަސޭހައިން ފުލުހުންނަށް އިންޓެލް ރިޕޯޓާއި ސިއްރު ހެކިން ލިބޭ ކަމަށެވެ. އަދި ވިދާޅުވީ، އެހެން ކަހަލަ މައްސަލަތަކުގައި "ބައިރުފިޔާއަށް ކިލޯއެއްގެ އުސޫލުން" ފުލުހުންނަށް އިންޓެލް ރިޕޯޓާއި ސިއްރު ހެކިން ލިބޭ ކަމަށެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ހުކުރު ދުވަހުގެ ރޭ ދެ ކުއްޖެއްގެ މަރަށްފަހު ހައްޔަރުކުރި 19 މީހުން ހެކި ނެތިގެން ދޫކޮށްލާފައި ވަނިކޮށެވެ.

މަރަށްފަހު ބަޔަކު ހައްޔަރުކޮށްފައިވި ނަމަވެސް އެއީ، މަރާ ގުޅުންހުރި ބައެއް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައުމޫނަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލްކަން ކްރިމިނަލް ކޯޓުގައި ކުރައްވާފައިވާ ބޭފުޅެކެވެ. އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލް ރިޕޯޓަކާއި ސިއްރު ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށެވެ. އެ އިންޓެލް ރިޕޯޓަށް ވެސް މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.