މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި އެކުށްކުރާ ކަމަށް އެއްބަސްވާ ކަމަށް ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ މ. މަސްރޫރާ މުއްރަތު މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ. މުއްރަތު ބުނީ، މަސްތުވުން ފިޔަވާ އެހެން ކުށެއް އޭނާ ނުކުރާ ކަމަށެވެ.
މުއްރަތަށް ކޮށްފައިވާ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި މުއްރަތު ވަނީ ދައުލަތުން އޭނާއާ ދެކޮޅަށް ސާބިތުނުހިފޭ ވާހަކަތަކެއް ދައްކާ ކަމަށް ބުނެފަ އެވެ. ދައުލަތުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ދައުލަތުން ބުންޏޭ ބުންޏޭ ކިޔައިގެން މުޅިން ވެސް މި ވާހަކަ ދައްކަނީ، މައިކަލް ޖެކްޝަން މަރާލާފައިވަނީ އިންޖެކްޝަނެއް ޖަހައިގެން، އޭނާ މަރާލީ އަހެރެންނޭ ބުނީމަ އެކަން އަހަރެން ކުރި ކަމަކަށް ވާނެތަ؟، އެ ވާނެތަ ތެދަކަށް؟، މުޅިން ވެސް ބުންޏޭ ބުންޏޭ،" މުއްރަތު ބުންޏެވެ.
މުއްރަތު މިގޮތަށް ބުނެފައިމިވަނީ، މުއްރަތުގެ ފަރާތުން އެންމެފަހުން ފާހަގަކުރި ނުކުތާތަކަށް ދައުލަތުން މިއަދު ޖަވާބުދާރީވުމުންނެވެ. މުއްރަތު ކުށަށް އިއުތިރާފުވެފައިވަނީ މަޖުބޫރުކޮށްގެން ކަމަށް މުއްރަތު ބުނާ ބުނުމަށް ދައުލަތުގެ ވަކީލް ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވީ، އިއުތިރާފުވީ މަޖުބޫރުކޮށްގެން ކަމަށް ބުނާ ހާލަތުގައި ބަލަން ޖެހޭނީ އެ ބުނާ ބުނުމަށް ގަރީނާއެއް އޮވޭތޯ ކަމަށެވެ. ނަމަވެސް މުއްރަތު އިއުތިރާފުވެފަިއވަނީ މަޖުބޫރުކޮށްގެން ކަމަށް ބުނެ އެއްވެސް ހެއްކެއް ދެއްކިފައިނުވާ ކަމަށެވެ. އަދި މައްސަލާގައި ހުރި ގަރީނާތަކުން މުއްރަތުވެފައިވާ އިއުތިރާފަށް ބާރުލިބޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ނޫރުއްސަލާމް އިތުރަށް ވިދާޅުވީ، މުއްރަތު ތިން ފަހަރެއްގެ މަތިން އެއްގޮތަށް އިއުތިރާފުވެފައިވާ ކަމަށެވެ. އެއީ އެންމެ ފުރަތަމަ ފުލުހުން މުއްރަތު ގެއަށް ދިޔުމުން އެތަނުގައި ވެސް މުއްރަތު ކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކިޔައިދިން ކަމަށެވެ. އަދި ތަހުގީގީ މަރުހަލާގައި އާއި ޝަރީއަތުގައި ވެސް ވަރަށް ތަފްސީލުކޮށް ނަޖީބު މަރާލި ގޮތާއި މަރާލި ސަބަބު ކިޔައިދީފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި މުއްރަތުގެ ފަރާތުން ވެސް ވަނީ ބައެއް އިތުރު ނުކުތާތައް ފާހަގަކޮށްފަ އެވެ. އެގޮތުން މުއްރަތު ހައްޔަރުކުރިއިރު އޭނާ ދިޔައީ މެތްރޮން ޓްރީމެންޓް ނަގަމުން ކަމަށާއި އެހެންކަމުން އޭނާގެ ބުއްދީގެ ހާލަތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތީގެ ޓެސްޓްގެ ރިޕޯޓް ބަލަންޖެހޭ ކަމަށެވެ. އަދި މުއްރަތަކީ މީގެކުރިން ވެސް އެތައް މައްސަލައެއްގައި ފުލުހުންނަށް ހާޒިރުކޮށްފައިވާ މީހެއް ކަމަށާއި އެ ފަހަރުތަކުގައި އޭނާގެ އާއިލާ މެންބަރުން ފުލުހުންނަށް ހާޒިރުކޮށް ބަޔާން ވެސް ނަގާފައިވާ ކަމަށެވެ. އެހެންކަމުން މުއްރަތު މި މައްސަލާގައި ބަޔާން ދިނީ އާއިލާ މެންބަރުން ފުލުހުންނަށް ހާޒިރުކޮށް ބަޔާން ނަގާފާނެތީ، އެކަމާ ބިރުން ހުރެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެއީ ވެސް ވަކި ގޮތަކަށް މުއްރަތަށް ބަޔާން ދޭން ޖެހުނު ސަބަބެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޝަރީއަތުގައި މުއްރަތު ބަޔާން ދީފައިވަނީ ވާނުވާ އެނގޭ ހާލަތުގައި ކަމަށެވެ. އެކަން އޭނާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ. އެގޮތުން ދައުލަތުން ދައުވާ އިއްވަމުން ނަޖީބުގެ ކަރުގައި އިސްޓާކީންޏާއި ފޮތި އޮޅާފައިވަނީ ނަޖީބު މަރާލުމަށް ކަމަށް ބުނުމުން މުއްރަތު ވަނީ ތެދުވެ އެއީ، ނަޖީބު މަރާލުމަށް ކުރި ކަމެއް ނޫން ކަމާއި އެއީ ލޭ މަނާކުރުމަށް ކުރި ކަމެއް ކަމަށް ބުނެ ކަން ހިނގި ގޮތް ތެދަށް ކިޔައިދީފައި ކަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތަށް މުއްރަތު ވާހަކަ ދެއްކުމުން އޭނާ ހުރީ ބުއްދީގެ ގޮތުން ރަނގަޅު ހާލަތެއްގައިކަން ގަބޫލުކުރެވޭ ކަމަށެވެ. އަދި އާއިލާ މެންބަރުން ފުލުހުންނަށް ހާޒިރުކޮށްފާނެތީ ބިރަށް މުއްރަތު ބަޔާން ދިން ކަމަށް ބުނާ ވާހަކައަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުންތައް ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާން ނުކޮށެވެ. އަދި އެ އަޑުއެހުމުގައި އޮންނާނީ ކޮން ކަމެއްކަން ވެސް އިއުލާންނުކުރައްވަ އެވެ.
ސުޕްރީމް ކޯޓުގައި މުއްރަތަށް ނާކާމިޔާބުވެއްޖެނަމަ މަރުގެ ހުކުމް ސަލާމަތްވެވޭނީ އެންމެ ގޮތަކަށެވެ. އެއީ ވާރިސުން ލުޔެއް ދީފިނަމަ އެވެ. މަރަން ކުރާ ހުކުމްތައް ރައިސުލްޖުމްހޫރިއްޔާއަށް ވެސް ލުއި ނުކުރެވޭނެ އެވެ.
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި މީހެކެވެ.
ސަރުކާރުން ވަނީ މަރުގެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއިދުކުރާތާ 30 ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށެވެ. މަރުގެ ހުކުމް ތަންފީޒުކުރާނީ ދަން ޖައްސައިގެންނެވެ.