ސުޕްރީމް ކޯޓް

ޝިފާންގެ މަރުގެ މައްސަލައިގެ ޝަރީއަތް މިއަދު ނުފެށި

ވެސްޓްޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މއ، ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލަގައި ކުށް ސާބިތުވެ، ހައިކޯޓުން މަރަން ހުކުމްކުރި މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު، މުހައްމަދު ޝައިފަން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި މައްސަލާގެ މިއަދު ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މި މައްސަލާގައި މިއަދު ތާވަލުކުރި ފުރަތަމަ އަޑުއެހުން ކެންސަލްކުރީ ޝައިފަންގެ ދިފާއީ ވަކީލް މާލޭގައި ނޫޅުއްވާތީ، އަޑުއެހުން ފަސްކޮށްދިނުމަށް ކޯޓުގައި އެދިފައިވާތީ އެވެ.

އޭޕްރީލް 2012 ގައި ޝިފާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފުކުރީ ޝައިފަންގެ އިތުރުން މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްސަލަ އެވެ.

އެ މައްސަލާގެ ހުކުމް ހައިކޯޓުން ކޮށްފައިވާއިރު އެ ކޯޓުން ނިންމީ، ޝިފާން މަރާލިކަމުގެ ކުށް ޝައިފާންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ޝައިފަންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ޝައިފަންގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ ހައިކޯޓުން އިއްވި ފުރަތަމަ މަރުގެ ހުކުމެވެ.

މި މައްސަލަ ބައްލަވާނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.