ހަބަރު

އަފްރާޝިމް މަރާލިކަމަށް ހުމާމް އެއްބަސްވީ މަޖުބޫރެއް ނެތި: ދައުލަތް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް ކުށަށް އިއުތިރާފުވެފައިވަނީ އެއްވެސް މަޖުބޫރީ ހާލަތެއް ނެތި ކަމަށް ދައުލަތުން ބުނެފި އެވެ. އަދި، ނުކުރާ ކަމެއް ކުރި ކަމަށް މަޖުބޫރުކޮށްފައިވާ ހާލަތެއް ވެސް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށް ސާބިތުވެ ހުމާމަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށް ހުމާމް މަރަން ހުކުމް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

ދައުލަތުގެ ފަރާތުން ހުމާމަށް ކޮށްފައިވާ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފަިއވާ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހުމާމްގެ ފަރާތުން އެންމެފަހުން ބޭއްވި އަޑުއެހުމުގައި ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވެފަ އެވެ.

އެގޮތުން ހުމާމު ކުށަށް އިއުތިރާފުވެފައިވަނީ މަޖުބޫރުކޮށްގެން ކަމަށް ހުމާމު ނެގި ނުކުތާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ތައުފީގު ވިދާޅުވީ، ފުލުހުން ހުމާމަށް މަޖުބޫރުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ސަބަބެއް ދެއްކިފައިނުވާ ކަމަށެވެ. ފުލުހުން ހުމާމްގެ މައްޗަށް މަޖުބޫރުކުރި ކަމަށް ބުނެފައިވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމާއި ފުލުހުން ސުވާލުކުރުމެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ، ހުމާމް ނުކުރާ ކުށެއް ކުރި ކަމަށް ބުނެ އިއުތިރާފުވާންޖެހޭ ފަދަ ހާލަތެއް ނޫން ކަމަށެވެ. އަދި އެއީ، މަޖުބޫރުކުރުމެއް ވެސް ނޫން ކަމަށެވެ. މީގެއިތުރުން ހުމާމު ކުށަށް އެއްބަސްވުމުން، ދަށު ކޯޓުގެ ފަނޑިޔާރުން ތަކުރާރުކޮށް އެއްސެވުމުން ވެސް މަޖުބޫރުކުރި ވާހަކަ ހުމާމު ބުނެފައިވާނުވާ ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވަކީލް އިތުރަށް ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި އޮންނަނީ އެއްބަސްވުމަށްފަހު އެ އެއްބަސްވުން އަނބުރާ ނުގެންދެވޭނެ ކަމަށް ކަމަށާއި އެއްބަސްވުމަކީ އިސްލާމީ ޝަރީއަތާއި ޖިނާއީ ގާނޫނުތަކުގައި ކުށް ސާބިތުކުރުމުގެ އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އަދި އެއްވެސް ގާނޫނެއްގައި ކުށަށް އިއުތިރާފް ވުމަށް ފަހު އަލުން އަނބުރާ އެކަން ގެނައުމުން އެކަމާ ބެހޭ ގޮތުން އަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައި ނެތުމުން އެކަމުގައި ބަލަން ޖެހޭނީ އިސްލާމީ ޝަރީއަތަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ކުށަށް އިއުތިރާފުވިއިރު ހުމާމުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ބުނެ ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ފާހަގަކުރެއްވި ނުކުތާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގެ އިތުރުން އޭގެ ކުރިން 24 މައްސަލައެއްގައި ހުމާމަށް ދައުވާކުރެވިފައިވާ ކަމަށެވެ. އެއިން އެއްވެސް މައްސަލައެއްގެ ޝަރީއަތުގައި ނަފްސާނީ މައްސަލައެއް ހުންނަކަން ހުމާމް ފާހަގަކޮށްފައިނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެއިތުރުން ހުމާމު ލައިގެން ހުރި ޖިންސުން ފެނުނު އަފްރާޝީމްގެ ޑީއެންއޭ އަކީ ފުލުހުން އެ ޖިންސުގައި ހޭކި އެއްޗެއް ކަމަށް ބުނެ ހުމާމްގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، އެކަން އެގޮތަށް ފުލުހުން ކޮށްފައިނުވާ ކަމަށެވެ. އެކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ޑީއެންއޭ ތަހުލީލުތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ޝަރީއަތަށް ހުށަހަޅައިފަ އެވެ. މީގެއިތުރުން ތަހުގީގު މަރުހަލާގައި ވަކީލެއްގެ ފުރުސަތު ހުމާމަށް ނުލިބޭ ކަމަށް ބުނެފައިވާތީ، ވަކީލަކު ހޯދުމުގެ ފުރުސަތު ތަހުގީގު މަރުހަލާގައި ދިން ކަމުގެ ލިޔުންތައް ދައުލަތުން ހުށަހަޅާފައިވެ އެވެ.

ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވުމަށް ހުމާމްގެ ވަކީލް ހަސީން ވަނީ އިތުރު ފުރުސަތަކަށް އެދިލައްވާފަ އެވެ. ޝަރީއަތުން ވަނީ އެ ފުރުސަތު ދީފަ އެވެ. އަދި އެއީ، ޖަވާބުދާރީވުމަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ވެސް ޝަރީއަތުން އިއުލާންކުރެއްވި އެވެ.