މޯލްޑިވްސް ޕޮލިސް ސާވިސް

މަރުކަޒު ބޭރުން ހައްޔަރުކުރި މީހުންގެ ބަންދު އިސްތިއުނާފުކޮށްފި

މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުން ހައްޔަރުކުރި މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން މުއްދަތު ޖެހި މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ. ކުރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ.

މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒު ސަރަހައްދުން ހަތް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން ތިން މީހުން ވަނީ ދޫކޮށްލާފަ އެވެ. އެމީހުން ދޫކޮށްލީ، ޝަރުތުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެ މީހުންގެ ތެރޭގައި މިހާރު ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ބައްޕަ ވެސް ހިމެނެ އެވެ. ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.

އެ ހަތް މީހުން ހައްޔަރުކުރި ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ އެއްވެ އުޅުން މަނާ ސަރަހައްދެއްގައި އެއްވެ އުޅެނިކޮށް، އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން އެންގުމުން ވެސް އަމުރަށް ނުކިޔަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ. އަދި އެ ހަރަކާތަކީ ދުއާ ކުރުމުގެ ނަމުގައި ހިންގާ، ސިޔާސީ ހަރަކާތެއް ކަމަށާއި އެފަދަ ހަރަކާތެއް ގްރީން ޒޯން ކަމަށް ކަނޑައަޅާފައިވާ އެ ސަރަހައްދުގައި ނުހިންގޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒު ކައިރިން ހަތް މީހަކު ހައްޔަރު ކުރިއިރު ހަވީރު އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ހަރަކާތެއްގެ ތެރެއިން ވެސް ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކުރިމިނަލް ކޯޓުން ޖެހީ 15 ދުވަހެވެ. މިއަދު މި ދެ މީހުންގެ ބަންދު ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.