މޯލްޑިވްސް ޕޮލިސް ސާވިސް

ދިރާގު ރޯޑް ރޭސް މާލޭގައި ނުބާއްވަން ފުލުހުން އެދިއްޖެ

ދިރާގުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ދިރާގު ރޯޑްރޭސް މާލޭގައި ނުބޭއްވުމަށް ފުލުހުން އެދިއްޖެ އެވެ. ފުލުހުން އެދިފައިވަނީ ރޯޑް ރޭސް މާލެ ފިޔަވައި ހުޅުމާލެ ނުވަތަ އެހެން ސަރަޙައްދެއްގައި ނުވަތަ އެހެން ރަށެއްގައި ބޭއްވުމަށެވެ.

މިކަމަށް ދިރާގުގެ ކިބައިން ފުލުހުން އެދިފައިވަނީ ދިރާގު ރޯޑް ރޭހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން ދިރާގުގެ އިސް ވެރިންނާ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ފަރާތުން އެ ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ބައްދަލު ކުރައްވަ އެވެ.

އިސްކަންދަރު ކޮށީގައި އޮތް ބައްދަލުވުމުގައި ފުލުހުން ވަނީ ދިރާގު ރޯޑްރޭހުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓައި ދޭނެ ކަމަށާއި އިޖުތިމާއީ މިފަދަ ހަރަކާތްތައް ކުރިޔަށްދާއިރު ރައްޔިތުންގެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާނެ ކަމަށް ބުނެފަ އެވެ.

މާލޭގެ މަގުތަކަކީ ތޮއްޖެހިފައިވާ މަގުތަކަކަށް ވެފައި މަގުތައް ބަންދުކުރުމުން ހިނގައި ބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅެމުންދާތީ އެފަދަ ކަންކަން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހާއްސަ ގޮތެއްގައި ބަންދު ދުވަސްތަކުގައި މާލޭގެ މަގުތަކަށް ގިނަބަޔަކު ހަވީރުގެ ވަގުތުތަކުގައި ނިކުމެ އާއިލާގެ މެމްބަރުންނާއި ރަޙްމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަށް ހުރި ފުރުސަތުތައް ހުއްޓިގެން ނުދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއްގައި ފުލުހުން އެދެ އެވެ.

ދިރާގު ރޯޑް ރޭސް، މާލޭގައި ނުބޭއްވުމަށް ފުލުހުން އެދުނުއިރު ގިނަ ބަޔަކު އެއްވެގެން ހިންގާ ހަރަކާތްތައް މާލޭގެ މަގުތަކުގައި ނުބޭއްވޭނެ ކަމަށް ފުލުހުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. މީގެކުރިން ސިޔާސީ އެއްވުންތައް މާލޭގެ މަގުމަތީ ބޭއްވުން ހުއްޓުވާފައިވީ ނަމަވެސް މިފަދަ ހަރަކާތެއް މާލޭގެ މަގުމަތީ ނުބޭއްވުމަށް އެދުނު މިއީ ފުރަތަމަ ފަހަރެވެ.

ދިރާގު ރޯޑް ރޭހަކީ ގިނަ ބަޔަކު ބައިވެރިގެން ކޮންމެ އަހަރަކުވެސް މާލޭގެ މަގުމަތީ ބާއްވަމުން އަންނަ ރޭހެކެވެ. މި ރޭސް މާލޭ ނޫން އެހެން ތަނެއްގައި ބާއްވައިދިނުމަށް ފުލުހުން އެދިފައިވީނަމަވެސް މިކަމާ ގުޅޭ ގޮތުން ދިރާގުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.