ކޮމަންވެލްތު ޖަމިއްޔާ

ޖޭއެސްސީއަށް ލަފާދޭނެ ކޮމަންވެލްތުން މުޝީރަކު އައްޔަން ކުރަނީ

ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދޭނެ މުޝީރަކު ހަމަޖައްސަަން ކޮމަންވެލްތުން ނިންމައި، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އިއްޔެ ކޮމަންވެލްތުން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގެ ޖޭއެސްސީއަށް ލަފާދޭނެ ލީގަލް އެޑްވައިޒަރެއް ހޯދަން ހުޅުވާލާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އޭގެ ބޭނުމަކީ ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތުގައި އިރުޝާދުދީ، ލަފާ ދިނުން ކަމަށެވެ. ޖޭއެސްސީ އިސްލާހު ކުރުމުގެ ބޭނުމަކީ މިނިވަން ފަނޑިޔާރު ގެއެއް ގާއިމުކޮށް، ގާނޫނީ ހުކުމް ނަގަހައްޓައި ބާރުތައް ވަކިކުރުން ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ޖޭއެސްސީ ހިންގާ ގޮތް ބަލައި އިސްލާހުތައް ހުށަހެޅުން އެ މަގާމުގެ ޒިންމާގެ ތެރޭގައި ހިމަނާފައިވާއިރު އުސޫލުތައް ބަލައި ހަރުދަނާކުރުމަށް ލަފާ ދިނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 48,400 ޕައުންޑު (އިނާޔަތްތަކާ ލައިގެން އަހަރަކަށް ގާތްގަނޑަކަށް ނުވަ ލައްކަައަށްވުރެ ގިނަ ރުފިޔާ) ދޭން ނިންމާފައިވާއިރު، މަގާމަށް ކުރިމަތިލެވޭނީ ގާނޫނީ ވަކީލަކަށް ނުވަތަ މަތީ ކޯޓެއްގެ ފަނޑިޔާރުކަން ކޮށްފައިވާ ފަރާތަކަށެވެ. މަގާމަށް ކޮމަންވެލްތްގެ މެންބަރު ކޮންމެ ގައުމެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

އެއް އަހަރު ވަންދެން ރާއްޖޭގައި މަގާމަށް ހޮވޭ މީހަކު މަސައްކަތްކުރަން ޖެހޭއިރު އޭނާ ރިޕޯޓުކުރަން ޖެހޭނީ ޖޭއެސްސީގެ ރައީސަށް ކަމަށް އިއުލާނުގައިވެ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ކޮމަންވެލްތުން މުޝީރަކު ހަމަޖައްސަން ނިންމިއިރު ޖޭއެސްސީން ބުނެފައި ވަނީ އެއީ އެ ކޮމިޝަނަށް އެނގިފައި އޮތް އަދި އެދިފައި އޮތް ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި ސިޔާސީ މަޝްރަހު ހަމައަކަށް އެޅުމަށް ވެސް ކޮމަންވެލްތުން ވަނީ ރާއްޖެއަށް ހާއްސަ މަންދޫބެއް ކަނޑައަޅާފަ އެވެ. އެގޮތުން މަންދޫބެއްގެ ގޮތުގައި ކަނޑައެޅުއްވި ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ސިޔާސީ މަޝްރަހު ފިނުކުރުމަށް ސިޔާސީ ފަރާތްތަކާ ބައްދަލު ވެސް ކުރައްވާފަ އެވެ.