ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އައްޑޫ ވިޔަފާރިވެރިޔާ މަރާލި މައްސަލާގައި އިތުރު ތިން މީހަކަށް ދައުވާކޮށްފި

މަރާލުމަށްފަހު އައްޑޫ ސިޓީ، ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އެ ރަށު ބުރުނީގޭ، އުމުރުން 47 އަހަރުގެ އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އަލީ އަބްދުﷲ މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، އައްޑޫ ސިޓީ ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒްގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި ތިން މީހުންގެ ޝަރީއަތް މިއަދު ފަށަން ވަނީ ހަމަޖެހިފަ އެވެ. މެންދުރުފަހަށް ތިން މީހުންގެ ވެސް ފުރަތަމަ އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ.

އަލީ އަބްދުﷲ މަރާލި މައްސަލާގައި މީގެ ކުރިން އެހެން މީހަކަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެއީ އޭނާއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށްވާ ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީ 39، ގެ މައްޗަށެވެ. އެ މައްސަލާގެ ޝަރީއަތް ވަނީ ފަށައި ސިއްރުކޮށްފަ އެވެ.

އަލީ އަބްދުﷲ މަރާލާފައިވާ އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.