މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް މީހާގެ ފައި ވަނީ ބިނދިފައި، އޭނާ ބޭރަށް ފޮނުވާލަނީ

ރޭ ސައިކަލަކުން ޖެއްސުމުގެ ސަބަބުން އަނިޔާވި ފުލުސް މީހާގެ އެއް ފައި ބިނދިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައި އެ ތައްޔާރީތައް ވާން ފަށައިފި އެވެ. ރޭ ފުލުސް މީހާއަށް އަނިޔާވެ ފައި ބިނދިފައި ވަނީ މާލޭގައި ޓްރެފިކް ބަލަހައްޓަން ހުއްޓާ ސައިކަލަކުން ޖެއްސުމުގެ ސަބަބުންނެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިތުރު ފަރުވާއަށް ފުލުސް މީހާ ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ފޮނުވާލަނީ ކޮން ގައުމަކަށް ކަމެއް ނުބުނެ އެވެ. ފައި ބިނދިފައި ވަނީ 26 އަހަރުގެ ފުލުހެކެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ވެސް މިއަދު ވިދާޅުވީ، ފުލުސް މީހާގެ ފައި ބިނދިފައިވާ ކަމަށެވެ. އޭނާ ފުރުވާލަން ނިންމާފައިވާއިރު މިހާރު ވެސް ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ރޭގެ ހާދިސާ ހިނގާފައިވަނީ 9:47 ހާއރު ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާކޮށީގެ ކައިރިންނެވެ. ސިނާއީ އަވަށުގެ ކައިރީ ޗެކް ޕޮއިންޓަކަށް މަޑު ކުރަން ސައިކަލެއްގައި ދިޔަ މީހަކަށް އިޝާރާތް ކުރުމުން އެ މީހާ ވަނީ މަޑު ނުކޮށް ގޮސް ފުލުސް މީހާ ގައިގާ ޖެއްސުމަށް ފަހު ފިލާފަ އެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް ކުރިމަތިވެފައި ވެއެވެ. އޭގެ އެއް ހާދިސާއެއްގައި ފުލުހަކު މަރުވެސް ވެފައި ވެއެވެ.