ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ވަނީ މިހެނެވެ. ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުމެއް މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ހައްގު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. ގާނޫނު އަސާސީގައި މިހެން އޮތް ނަމަވެސް ކޯޓުތަކުން ނެރޭ އަމުރެއް އިސްތިއުނާފު ނުކުރެވޭ އުސޫލެއް އެބަ އޮތެވެ. އެއީ، ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ބައްލަވާ ގާޒީ، ބަންދާމެދު ނިންމަވައި ނިންމުންތަކެވެ.
ހިނގަމުންދާ މައްސަލައެއްގައި އެ މައްސަލަ ބައްލަވާ ގާޒީއަކު ބަންދާމެދު ނިންމަވައި ނިންމުންތައް އިސްތިއުނާފު ނުކުރެވެނީ، ހައިކޯޓުން 2012 ވަނަ އަހަރު ކުރި ހުކުމެއްގައި ކަނޑައަޅާފައިވާ އުސޫލެއްގެ ސަބަބުންނެވެ. އެ ހުކުމަކީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުރި ހުކުމެކެވެ. އެ ހުކުމަކީ އެ މައްސަލާގައި ދައުވާ ލިބޭ ބަޔަކު ގޭބަންދަށް ބަދަލު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓަށް ދިޔުމުން ކުރި ހުކުމެކެވެ.
އެ ހުކުމުގައިވާ ގޮތުން ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން އެންމެ އެކަށޭނެ ފަރާތަކީ އެ މައްސަލަ ބައްލަވާ ގާޒީއެކެވެ. ކަން ހިނގާފައިވާ ގޮތާއި ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބަލައި ބަންދު އެންމެ އެކަށޭނެ ގޮތެއްގައި ވަޒަން ކުރެވޭނީ ވެސް އެ ގާޒީއަކަށް ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެ މައްސަލައެއް ބައްލަވާ ގާޒީއަކަށް ލިބިގެންވާ ބާރެއް ކަމަށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވެ އެވެ. މާނައަކީ އެކަން އެ ގާޒީއަށް ނޫން އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެ އެވެ.
މިހެން އޮންނާތީ ޝަރީއަތުގެ މަޖިލީހުގައި ބަންދާމެދު ނިންމާ ނިންމުންތައް އިސްތިއުނާފުކުރި ނަމަވެސް ހައިކޯޓުން އެ ބަލައެއް ނުގަނެ އެވެ.
މިކަން މިހެން އޮތުމަކީ ބައެއް ވަކީލުން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެ ވަކީލުން ދެކޭ ގޮތުގައި ބަންދާމެދު ނިންމައި ނިންމުންތަކަކީ އޭގައި ވަރަށް ބޮޑު އަސާސީ ހައްގުތަކެއް އެކުލެވޭ ކަމެކެވެ. އެހެންކަމުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއް ކަމަށްވީ ނަމަވެސް އެއްވެސް ހުރަހެއް ނެތި އެ އިސްތިއުނާފު ކުރެވެން ޖެހޭނެ ކަމަށް އެފަދަ ވަކީލުން ދެކެ ވަޑައިގަންނަވަ އެވެ.
މިސާލަކަށް ވަރަށް ކުޑަ ކަމެއް ކޮށްގެން ހައްޔަރުކޮށް، ޝަރީއަތް ފަށާ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިނަމަ އެކަން ބަދަލު ކުރުމަށް ދާނެ އިތުރު ތަނެއް ނެތެވެ. ކުދި މައްސަލަތަކުގެ ޝަރީއަތްތައް ވެސް ގިނަ ފަހަރަށް ދިގުލައިގެންދެ އެވެ. އޭނާއަކީ މުޖުތަމައުއަށް ނުރައްކާތެރި މީހެއް ކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމުން ލިބެންޖެހޭ އަދަބަށްވުރެ ގިނަ ދުވަހު ވެސް ބަންދުގައި ހުންނަންޖެހޭ ފަހަރުއާދެ އެވެ.
ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައިވާ ގޮތުން މީހަކު ބަންދުގައި ބެހެއްޓޭނީ ހަތަރު ހާލަތެއްގަ އެވެ. އެއީ، ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށްޓަކައި ނޫނީ މުޖުތަމައުއަށް ނުރައްކަލަކަށްވެދާނެ ކަމަށްޓަކައި ނޫނީ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނޫނީ ފިލައިފާނެ ކަމަށްޓަކަ އެވެ. ކޮފީ ދަޅެއް ވަގަށް ނަގައިގެން ހައްޔަރުކުރާ މީހެއް މިފަދަ ހާލަތަކަށް ފެތޭތޯ ވަކީލުން ސުވާލު އުފައްދަ އެވެ. އެހެނަސް ކޮފީ ދަޅެއް ވަގަށް ނަގާ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިނަމަ އެކަން އިސްތިއުނާފު ކުރެވޭކަށް ނޯވެ އެވެ. އެފަދަ ކަމެއް ވެސް ވަނީ ދިމާވެފަ އެވެ.
މީގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ވަރަށް ފަހުން ދިމާވި ކަމެކެވެ. މީގެ ދެ އަހަރު ކުރިން އައްޑޫ ސިޓީ ހިތަދޫ އަހުމަދު މަފާޒު މަރާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުން ވަނީ ކުއްލި ގޮތަކަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން ދޫކޮށްލުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަމުރުކުރައްވާފަ އެވެ. އެއީ ބޮޑެތި ކުށެއްގެ ތުހުމަތު ލިބޭ ބައެކެވެ. މުޖުތަމައުއަށް ނުރައްކަލަކަށް ވެސް ވެދާނެ އެވެ. އެހެންކަމުން ފުލުހުން ވަނީ އެމީހުން ދޫކޮށްލަންކުރި އަމުރު އިސްތިއުނާފު ކޮށްދިނުމަށް ދައުލަތުގައި އެދިފަ އެވެ. ނަމަވެސް އެކަން ދައުލަތަށް ވެސް ކުރެވޭކަށް ނެތެވެ. އެމީހުން މިހާރު ވެސް އެތިބީ މިނިވަންކޮށެވެ. މިފަދަ މައްސަލަތަކަކީ އާންމު ގޮތެއްގައި ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ ފަދަ މައްސަލަތަކެވެ.
އުސޫލު މިގޮތަށް އޮތުމުން ގާނޫނު އަސާސީގެ 49 މާއްދާ އާއި 56 ވަނަ މާއްދާ ހަނިވާ ކަމަށް ބައެއް ވަކީލުން ދެކޭއިރު އަނެއް ވަކީލުން ގަބޫލުކުރާ ގޮތުގައި މި އުސޫލު ރަނގަޅެވެ. އެއީ، މައްސަލަ ބައްލަވާ ގާޒީ ލުއި ދިނުމަށް ބޭނުންވި ނަމަވެސް ގިނަ ފަހަރަށް ދައުލަތުން އެގޮތް ބޭނުމެއް ނުވާތީ ކަމަށް އެ ވަކީލުން ބުނެ އެވެ. އެފަދަ ވަކީލަކު ވިދާޅުވާ ގޮތުގައި މީހެއްގެ ބަލި ހާލަތު ހުރި ގޮތުން ގާޒީ އޭނާ ގޭބަންދަށް ބަދަލު ކުރުމުން ވެސް އެކަމާ ދައުލަތް ހިތްހަމައެއް ނުޖެހެ އެވެ. އެ މައްސަލަ އިސްތިއުނާފުކޮށް އެ ގޮތް ބަދަލުކުރަން ބޭނުންވެ އެވެ. މި އުސޫލު މިހެން އޮތުމުން އެކަމަށް ދޮރު ބަންދުވާ ކަމަށް އެ ވަކީލު ވިދާޅުވެ އެވެ.
އެ ވާހަކައަށް ރައްދުދެމުން އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ދަށު ކޯޓުން ނެރޭ އަމުރުތައް މަތީ ކޯޓުން ބަލައި ގޮތެއް ކަނޑައަޅާނީ އެއް ފަނޑިޔާރުންނަށްވުރެ ގިނަ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެހެންކަމުން ލުއި ދޭން ޖެހޭ ހާލަތްތަކުގައި ވެސް ދައުލަތުން އިސްތިއުނާފުކުރި ނަމަވެސް މަތީ ކޯޓުން އެ ރިވިއު ކުރާނީ ރަނގަޅަށެވެ. އެ ވަކީލު ގަބޫލު ކުރައްވާ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ނެރޭ ބަންދާމެދު ނިންމާ ނިންމުންތައް ވެސް އިސްތިއުނާފުކުރެވޭ ގޮތަށް އޮތުމުން އެފަދަ ނިންމުންތައް ނިންމެވުމުގައި ވެސް ގާޒީން ރަނގަޅަށް އަމަލުކުރަން ބާރަކަށްވެގެންދާނެ އެވެ.
މިފަދަ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވުމުން ސުޕްރީމް ކޯޓަށް އެކަން ވެއްދުމުގެ ދޮރު ވަނީ ހުޅުވިފަ އެވެ. އެހެނަސް މި މައްސަލަ އަދި އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓާ ހަމައަށް ނުގެންދެ އެވެ.
މި މައްސަލާގައި ހިތްހަމަނުޖެހޭ ވަކީލުން ދެކޭ ގޮތުގައި އުސޫލު ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އެ އުސޫލު ބަދަލު ކުރުމުގެ ފުރުސަތު ވެސް ހައިކޯޓަށް އެބަ އޮތެވެ. އެ ކޯޓުން އެކުލަވާލި އުސޫލެއް އެ ކޯޓަށް ބަދަލު ކުރެވޭނެ އެވެ. އަދި އުސޫލު އިތުރަށް މާނަކޮށްދީ، އިސްތިސްނާ ހާލަތްތަކެއް ވެސް ކަނޑައެޅިދާނެ އެވެ.
ގާނޫނު އަސާސީން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގަކީ ވަރަށް އަސާސީ ހައްގެކެވެ. ޝަރުއީ ތިން މަރުހަލާއެއް އެކުލަވާލައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީފައިވެސް އޮންނަނީ ސަބަބުތަކަކަށްޓަކަ އެވެ. އެއީ އިންސާފު ލިބުމުގެ ކަށަވަރުކަން ހޯދައިދިނުމަށާއި ގާޒީން ވެސް އިންސާފުވެރިކަމާއެކު ހުކުމް ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
އެހެނެއް ކަމަކު ކޯޓަށް ހާޒިރުވާން ނެެރޭ އަމުރުތަކާއި ހިނގަމުންދާ މައްސަލަތަކުގައި ނިިިންމާ އިޖްރާއީ ނިންމުންތައް އިސްތިއުނާފު ނުކުރެވޭ ގޮތަށް އޮންނަ އޮތުން ރަނގަޅެވެ. އެއީ، އެކަމުގެ ސަބަބުން އިންސާފަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފީ މަރުހަލާގެ ބޭނުން ހިފުމުގެ ފުރުސަތު އޮތަތީ އެވެ.