މަރު

ޝިއުނާ މަރުވީ ކާރު ދުއްވުމުގައި ޑްރައިވަރު ފަރުވާ ކުޑަވެގެން: ދައުލަތް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ މަރުވީ، ގ. ސީވޭވް، އަހުމަދު މަލްދާން އަލީ ބަލަންވާ ވަރަށް ނުބަލާ ކާރު ދުއްވުމުން ހިނގި އެކްސިޑެންޓްގެ ސަބަބުން ކަމަށް ދައުލަތުން މިއަދު ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.

އަހުމަދު މަލްދާން އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ އާ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

މިއަދު ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ. ދައުވާގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ 11:25 އެހާކަންހާއިރު ހުޅުމާލޭ ނިރޮޅު މަގުގެ އެޗްޑީސީ ކައިރިން ބަލަންވާވަރަށް ނުބަލާ މަލްދާން ކާރު ދުއްވާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މަގުން ދުއްވާފައި ދިޔަ ސައިކަލްގައި ޖެހި، ސައިކަލްގައި ޝިއުނާ މަރުވެފައިވާ ކަމަށް ދައުވާގައިވެ އެވެ. ޝިއުނާ މަރުވީ، އެކްސިޑެންޓްގައި ލިބުނު ގެއްލުންތަކަށް ފަރުވާދެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މުހައްމަދު ޝާހިދަށް ވެސް އަނިޔާވި އެވެ.

މަލްދާންގެ ބަންދާމެދު ވެސް މިއަދު ކޯޓުން ވަނީ ގޮތެއް ނިންމާފަ އެވެ. ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ. ނަމަވެސް މަލްދާން ވަނީ އޭނާއަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރި ކަމަށް ބުނެ މިހާރު ވެސް ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ބަހައްޓާފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ، މި މައްސަލައަކީ ބަންދަށް ލުޔެއް ދެވޭފަދަ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތަށާއި ހެކިންނަށް ނުފޫޒު ފޯރުވަދާނެތީ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ އަމުރުކޮށްފަ އެވެ.

މަލްދާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. ޝިއުނާ މަރުވިއިރު އޭނާގެ ހަތް އަހަރުގެ ދަރިއަކު ހުރެ އެވެ. އޭނާ މާލެ އައީ، މަންމަ އާއި ދައްތަ ހައްޖަށް ފޮނުވުމަށެވެ.