ކޯޓު އަމުރަކާއެކު އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ، އެތަން ފާސްކޮށްފި އެވެ. އެތަނަށް މިރޭ ވަދެފައިވަނީ ފޮރެންސިކް ފުލުހުންނާއި އެސްއޯ ފުލުހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކުރަން ކަމަށެވެ. އަދި އެތަން ފާސްކުރަނީ ފުލުހުން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ބައެއް ގައުމުތަކުގެ ވެރިންގެ ދަތުރުފުޅުތަކަށް ހުރަސްއެޅުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުުހުން ބުންޏެވެ.
މިރޭ 7:45 ހާއިރު ފުލުހުން އެމްޑީޕީ ހަރުގެއަށް ވަތްއިރު ފުލުހުން އެތަނުން ނިކުމެފައިވަނީ 9:30 ހާއިރު އެވެ. ފުލުހުން ވަނީ އެމްޑީޕީ ހަރުގޭގައި ހުރި ބައެއް ފޮތި ރޯލުތައް ގެންގޮސްފަ އެވެ. ސައުންޑް ސިސްޓަމް ވެސް ގެންދަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ސައުންޑް ސިސްޓަމް ފުލުހުން ގެންގޮސްފައެއް ނުވެ އެވެ. ފޮތި ރޯލުތައް ގެންގޮސްފައިވަނީ ރަސްގެފާނުގެ ދަތުރަށް ހުރަސްއެޅުމަށް އެ ފޮތިތައް ބޭނުންކޮށްގެން ބެނާ ފަދަ ތަކެތި ހަދާފާނެތީ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު މިރޭ ވިދާޅުވީ، އެމްޑީޕީ ހަރުގޭގައި ރަސްގެފާނުގެ ދަތުރަށް ހުރަސްއެެޅުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. އެތަނުގައި ކުރިއަށް ދަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމަށެވެ.
އަނަސް ވިދާޅުވީ، ކޯޓު އަމުރުގައި ތުހުމަތުކުރާ އެއްވެސް ކަމަކާ ގުޅޭ ކަމެއް ނުވަތަ އެއްވެސް އެއްޗެއް ވެސް ފުލުހުންނަށް ހަރުގެއިން ފެނިފައިނުވާ ކަމަށެވެ. ތުހުމަތަކާ ގުޅޭ އެއްވެސް އެއްޗެއް ފުރަތަމަ ފަހަރު ފާސްކުރުމުން ނުފެނުމުން ދެވަނަ ފަހަރަށް ވެސް ފާސްކުރި ކަމަށެވެ. ދެވަނަ ފަހަރަށް ފާސްކުރުމުން ވެސް އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އަނަސް ވިދާޅުވި އެވެ.
ފުލުހުން ފޮތި ރޯލުތައް ގެންދިޔަ ނަމަވެސް އެއީ ރަސްގެފާނުގެ ދަތުރާ ގުޅުވާ ބެނާތަކެއް ހެދުމަށް އެމްޑީޕީ ހަރުގޭގައި ހުރި ފޮރިތަކެއްކަން އެނގޭ އެއްވެސް ފަދަ ހެއްކެއް ވެސް ފުލުހުންނަށް ފެނިފައިނުވާ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ. އަނަސް ވިދާޅުވީ، ހަރުގެ މިރޭ ބަލާ ފާސްކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
އަނަސް ވިދާޅުވީ، އެމްޑީޕީ ހަރުގޭގެ ހަރަކާތްތައް ހުއްޓާލަން މަސައްކަތް ކުރި ނަމަވެސް އެކަން ނުވާނެ ކަމަށެވެ. މިރޭ ވެސް ހަރުގެ ޖަލްސާ އޮންނާނެ ކަމަށެވެ. އަދި ސައުދީން ފ. އަތޮޅުގައި ހިންގާ މަޝްރޫއުއާ ގުޅޭ މައުލޫމާތުތައް ސާފުނުވާތީ ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ ކަންބޮޑުވުންތައް ވެސް ރައްޔިތުން ފާޅުކުރާނެ ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ ފ. އަތޮޅު މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރުމަށް ގަރާރެއް ރޭ ފާސްކޮށްފަ އެވެ. އަނަސް ވިދާޅުވީ، އެ ގަރާރާ އެއްގޮތަށް އެމްޑީޕީއިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެމްޑީޕީ ހަރުގެ ބަލައި ފާސްކޮށްފައިވާއިރު ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރުގެ ބައެއް ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން ހިމެނޭ ރަސްމީ ދަތުރުތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުތަކަށް ހުރަސް އެޅުމަށް ބަޔަކު ކަންތައްތަކެއް ރާވަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.