ބޮޑެތި ޖަލު ހުކުމްތަކެއް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ގޭބަންދަށް ބަދަލުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
އަދީބަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ އޭނާގެ ވަކީލް މޫސާ ސިރާޖެވެ. އަދީބު މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ކަމަށްވާތީ ފުރަތަމަ އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުނީ ފުލުހުންނަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ނިންމާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށް ބުނެފަ އެވެ.
ވަކީލް މޫސާ ސިރާޖު ރޯދަ މަހަށް އަދީބު ގޭބަންދަށް ބަދަލު ކޮށް ދިނުމަށް އެދި ކަރެކްޝަނަލް ސާވިސްއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ އަދީބު ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ބުނެފައެއް ނުވެ އެވެ.
ރޯދަ މަހާ ދިމާކޮށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ. އަދި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އަދީބަށް ޖެހިފައިވާކަން މާލެއިން ހެދި ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފިސްތޯލަ ގެންގުޅުއްވި މައްސަލާއާއި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އަދީބަށް ވަނީ ހުކުމް އިއްވާފަ އެވެ. އެ ހުކުމްތައް ވެސް ވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި، މިހާރު ވެސް ދަނީ އަދީބަށް ދައުވާތަކެއްކޮށް ޝަރީއަތް ހިންގަމުންނެވެ.