ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގައި މިވީ ތާރީހުގެ ތެރޭގައި އެންމެ ރަހުމުކުޑަ މަރެވެ. އެތައް ހަމަލާއެއްދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވާއިރު އެއީ ވަރަށް ދުރާ ރޭވިގެން ހިންގާފައިވާ ވިޔާނުދާ ޖަރީމާއެއްކަން އެނގެ އެވެ. ޔާމީނަށް ހަމަލާދީފައިވާ ގޮތާއި ވަގުތުން ވެސް އެކަން ސާބިތުވެ އެވެ.
ވަރަށް ވަރުގަދަ ރޭވިގެން ހިންގި މި އަމަލުގައި ބައިވެރިވާ މީހުން އެމީހުންގެ ސަލާމަތަށް ވެސް ގިނަ ކަންތައްތަކެއް ހުންނާނީ ކޮށްފަ އެވެ. ފާޅާ ނާރާނެހާ ގޮތެއް އޮންނާނީ ހޯދާފަ އެވެ. ނަމަވެސް އެމީހުން ހޯދާ ހައްޔަރުކުރުމުގައި ދިވެހި ފުލުހުން އަވަސްވެ ގަތް ބާރުމިނުގައި އެމީހުންނަށް ފިލައި ރައްކާވާނެ ވަގުތެއް ނުހޯދުނެވެ. މި ރަހުމުކުޑަ އަމަލުގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ފުލުހުން ހިންގި ތަހުގީގަކީ ތައުރީފު ހައްގު މަސައްކަތެކެވެ.
ޔާމީންގެ މަރަށް މާގިނަ ދުވަސްތަކެއް ނުވަނީސް ފުލުހުން ވަނީ އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުންނާއި ޔާމީނަށް ފާރަލީ މީހުންނާއި އިތުރު ބައެއް ވެސް ހައްޔަރުކޮށްފަ އެވެ. ޖުމްލަ ހަތް މީހުނެވެ. މަރަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެމީހުން ހައްޔަރުކުރި ނަމަވެސް އެ މައުލޫމާތެއް ފުލުހުން އެއްވެސް ވަރަކަށް ހިއްސާއެއް ނުކުރެ އެވެ. އެ މައުލޫމާތުތައް ހާމަކުރިނަމަ ތަހުގީގަށް ހުރަސްއެޅުން ވަރަށް ގާތެވެ.
ފުލުހުންނަށް އެންމެ ބޮަޑަށް އަމާޒުވި ފާޑުކިޔުމަކީ ވެސް އެއީ އެވެ. ޔާމީންގެ މަރާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ ތިބުމެވެ. އެއްވެސް މައުލޫމާތެއް ހިއްސާނުކުރާތީ އެވެ. ސުވާކަށް ޖަވާބު ނުދޭތީ އެވެ.
އެކަމަކު ރޭ މިވަނީ ގިނަ ސުވާލުތަކެއް ޖަވާބު ފުލުހުން ދީފަ އެވެ. އެންމެ ފުރަތަމަ ފުލުހުން އާންމުކުރި ސީސީޓީވީ ފުޜޭޖްގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ތަން ފެންނަ ތިން މީހުން ހޯދައި އެމީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. އެމީހުން ހޯދުމަށް ފުލުހުން ކުރީ ބުރަ މަސައްކަތެކެވެ. އެ ތިން މީހުން އެ އަމަލު ހިންގިއިރު ތިބީ ސިފަ ވަރަށް ބޮޑަށް ބަދަލުކޮށްގެންނެވެ. އެމީހުން ހޯދުންވީ ފަސޭހަ ކަމަކަށް ނޫނެވެ.
ފުލުހުން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އްސަލާގެ ތަހުގީގަށް މާލޭ އެކި ސަރަހައްދުތަކުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ފުޓޭޖްތައް އެނަލައިޒްކޮށް ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒްކޮށްފައިވާ ކަމަށެވެ. އޭގެއިތުރުން ވެސް ސަރުކާރުގެ އެކި އިދާރާތަކުގެ ޑޭޓާ ބޭސްތައް މެދުވެރިކޮށް ވެސް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރޭ ފުލުހުން އާންމުކުރި މައުލޫމާތަކީ ފުރިހަމަ މައުލޫމާތުތަކެއް ނޫނެވެ. ބާކީ ހަތަރު މީހެއްގެ ވަނަވަރު ހާމަނުކޮށް އެބަ އޮތެވެ. މިއީ ކޮން މަގުސަދެއްގައި ހިންގި އަމަލެއް ކަމެއް ފުލުހުން ނުބުނެ އެވެ. މިކަމުގައި އިސްކޮށް ތިބި ބައެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އިސްކޮށް ތިބި މީހުން ވެސް ހޯދައި ތަހުގީގުކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ދައުވާކުރަން ޖެހޭ މީހުންނަށް ދައުވާކުރުމަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
އަދިވެސް ޔާމީންގެ މަރާ ގުޅޭ ސުވާލުތަކެއް ހުރިއިރު ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެ ސުވާލުތަކުގެ ޖަވާބު ވެސް ފުލުހުން ދިނުމެވެ.
ފުލުހުން ބުނި ގޮތުގައި ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ވަރަށް ދަތި އުނދަގޫ ގޮންޖެހުންތަކާއެކު އެވެ. ތަފާތު އެކި ފަރާތްތަކުގެ ފަރާތުން ތަހުގީގަށް ހުރަސް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެ ގޮންޖެހުންތަކާއެކު ވެސް ޔާމީންގެ ގާތިލުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ބަޔާނުގައި ބުނެފައިވަނީ، ފުލުހުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ސުލްހަ މަސަލަސްކަމާއި އިންސާފު ރައްޔިތުންނަށް ހޯދައިދިނުމުގެ މާތް މަގުސަދުގައި ކަމަށާއި ހަގީގަތާ ހިލާފަށް ފާޅުކުރަމުންދާ ޝުއޫރެއްގެ އަޑުއަހައި އެއަށް ރައްދުދިނުމުގެ ބަދަލުގައި ފުލުހުން ކުރިއަށްދާނީ ކަަމުގެ އަސްލަށް ވާސިލުވުމަށްޓަކަ ކަމަށެވެ.