ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މ. ތާއިފް، އިސްމާއިލް ރަޝީދުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ.
އިސްމާއިލް ރަޝީދުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުން ބުނާ ގޮތަކަށް ކަންތައްތައް ކުރުމަށް އިސްމާއިލް ރަޝީދަށް ހުށަހެޅި ކަމަށާއި އެގޮތަށް ކަންތައްތައް ކޮށްފިނަމަ އޭނާއަށް ދައުވާ ނުކުރާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. ފުލުހުން ވަނީ އާއިލާއާ ބައްދަލުކޮށް ވެސް ގިނަ ކަންތައްތަކެއް ހުށަހަޅާފަ ކަމަށެވެ.
އެގޮތުން ބަޔާނުގައިވާ ގޮތުން، އިސްމާއިލްގެ ގާނޫނީ ވަކީލް ބަދަލުކޮށް، ފުލުހުން ހަމަޖައްސައިދޭ ވަކީލެއް ބޭނުން ކުރުމަށާއި އެ ވަކީލުގެ ހާޒިރުގައި ތަހުގީގަށް ބަޔާން ދިނުމަށެވެ. އެކަންކަން ކުރުމުން "އިސްމާއިލްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކޮށް އޭނާ މިނިވަންކުރާނެ" ކަމަށް ބުނެފައިވާ ކަމަށެވެ.
އިސްމާއިލް ރަޝީދު ދައުލަތުގެ ހެއްކަކަށްވުމަށް ވެސް ފުލުހުން ހުށަހެޅި ކަމަށް ބަޔާނުގައިވެ އެވެ. އޭގެއިތުރުން އޭނާއަށް ފުލުހުން ޓޯޗާ ކޮށްފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން ދެ ދުވަސް ވަންދެން ހުސް ފާރަކަށް ކުރިމަތިލައިގެން ގޮނޑިއެއްގައި ބައިންދާފައިވާ ކަމަށާއި ކާށިދޫގައި އޭނާ ބެހެއްޓި ގޮޅީގައި ވައި ވެސް ދައުރުނުވާ ކަމަށެވެ.
މައްސަލާގައި އިސްމާއިލް ރަޝީދު ބައިވެރިވެފައިވާ މިންވަރަކީ އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލެވޭ މިންވަރެއް ކަމަށް ވެސް މީގެކުރިން ފުލުހުން ބުނި ކަމަށާއި ނަމަވެސް ވަކީލު ބަދަލުނުކުރާނެ ކަމަށް ބުނުމުން "ސާކަލްގެ އެންމެ އެތެރެއަށް އިސްމާއިލް ވައްދާނެ" ކަމަށް ބުނެ އާއިލާއަށް ފުލުހުން ބިރު ދައްކާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފުލުހުން ބޭނުން ވަނީ ބަޔާނުގައިވާ ގޮތުން ފުލުހުން ބޭނުންވާ ގޮތަކަށް އިސްމާއިލް ބަޔާންދީ، ހެކި ބަސް ދިނުމެވެ. އެކަން ކޮށްފިނަމަ "ހަމަ ތި އާއިލާއާ ހަމައަށް، ގެނައި ގޮތަށް އޭނާ ހަވާލު ކުރާނެ" ކަމަށް ވެސް ފުލުހުން ބުނި ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް މާތްﷲ ގަންދީ ހުވާކޮށް ދޮގު ހެކިބަސް ދިނުމަށް އިސްމާއިލް ރަޝީދު ބޭނުންނުވާ ކަމަށެވެ.
އެ އާއިލާާއިން ވަނީ އިސްމާއިލް ރަޝީދާމެދު ގާނޫނާ އެއްގޮތަށް އަމަލުކޮށް އޭނާގެ ތަހގީގު ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.