ހަބަރު

ނާޒިމްގެ މައްސަލަ އަލުން ތަހުގީގުކޮށްދޭން އާއިލާއިން އެދިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އަލުން ތަހުގީގުކޮށް ދިނުމަށް އާއިލާއިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

ނާޒިމްގެ އާއިލާއިން ފުލުހަށް ހުށަހެޅީ، އެ މައްސަލާގައި ނާޒިމް "ފްރޭމް" ކުުރުމުގައި ބައިވެރިވި ކަމަށް އެންމެ ބޮޑަށް ތަހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ އެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ވިދާޅުވީ، އެ ސިޓީ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް އާއިލާއަށް ލިބިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި އަދީބު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވި ގެކޮޅު ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ކަޅު ދަބަހުގެ ތެރޭގައި އޮތް ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގަތް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭ ކަމަށެވެ. އެތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫން ކަމަށާއި އެތަކެތި ނާޒިމް ދިރިއުޅުއްވާ ގެކޮޅުން ފެންނަންޖެހުނު ގޮތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އަދީބު ވަނީ ސިޓީގައި ދެއްވާފަ އެވެ.

އާޒިމް ވިދާޅުވީ، ޝަރުއީ ހުރިހާ މަރުހަލާތަކެއްގައި ވެސް ހެއްކެއްގެ ގޮތުގައި އަދީބު ހާޒިރު ކޮށްދިނުމަށް އެދުނު ކަމަށާއި ނަމަވެސް އެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އެ މައްސަލާގައި ނާޒިމްގެ އެއްވެސް ކުށެއް ނެތް ކަމަށް އަދީބު ވިދާޅުވެފައިވާތީ މައްސަލައިގެ ތަހުގީގު އަލުން ހިނގައި ދިނުމަށް އާއިލާއިން އެދޭކަން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވާނެ ކަމަށެވެ.

ނާޒިމްގެ ގެއިން ފެނުނު ފިސްތޯލުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ނާޒިމްގެ ފަރާތުން ވަނީ އެ މައްސަލަ އަލުން ރިވިއުކޮށްދޭން ސުޕްރީމް ކޯޓުގައި ވެސް އެދިފަ އެވެ.