ހަބަރު

ޔާމީން ރަޝީދުގެ އާއިލާއިން ފުލުހުންނާ ދެކޮޅަށް ދައުވާކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލި، ބްލޮގާ ޔާމީން ރަޝީދުގެ އާއިލާއިން ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ. އެ އާއިލާއިން އަންނަނީ އޭނާގެ މަރަށް އިންސާފު ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ފުލުހުންގެ މައްޗަށް ދައުވާ ކުރީ 22 އެޕްރީލް 2017 ވަނަ ދުވަހުގެ ރޭ ރާވައިގެން ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފުރުސަތު ބަޔަކަށް ފަހިވެގެން ދިޔައީ، ޔާމީން ރަޝީދަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އޭނާއަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށް ދިނުމުގައި ފުލުހުން އިހުމާލުވުމުންކަން ސާބިތު ކުރާށެވެ.

މި މައްސަލާގައި އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުން ވަނީ މައްސަލައިގެ އަޑުއެހުންތަކާއި މައްސަލައާ ގުޅިގެން ހުށަހެޅޭ ހުރިހާ ލިޔެކިޔުން ސިއްރު ކޮށްގެން ނޫނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ ދައުވާއަށް ޖަވާބުދާރީވާން އިންކާރުކޮށްފަ އެވެ.

ފުލުހުންގެ އިހުމާލުގެ މި މައްސަލައަކީ މިހާރު ހިނގަމުންދާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅުންހުރި މައްސަލައަކަށް ނުވާއިރު، ޔާމީން ރާޝީދުގެ އާއިލާގެ ފަރާތުން މި މައްސަލައިގެ ޝަރީއަތް ސިއްރުކުރަން ވަނީ އިއުތިރާޒުކޮށްފަ އެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އާއިލާގެ ފަރާތުން އެދެނީ މިމައްސަލަ ހާމަކަމާއެކު ހުޅުވާލެވިގެން ހިންގާ ޝަރީއަތަކަށް ހެދުން ކަމަށެވެ.

ޔާމީން ރާޝީދުގެ މައްސަލައިގައި އެއަނިޔާވެރި އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ނިމިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ އުފުލާފައެއް އަދި ނުވެއެވެ.